އެމްޑީޕީން ބުނީ އިޒްރޭލު ޕާސްޕޯޓުގެ ބިލު ކޮމިޓީގައި ތާށިވެފައިވާ ކަމަށް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވި ގޮތަށް އެ ކޮމިޓީގައި ތާށިވެފައިވާ ކަމަށް އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހަށް ހުށަހެޅޭ އެހެން ބިލުތަކާއި ސަރުކާރުން ފޮނުވާ މައްސަލަތައް ވެސް ވަރަށް އަވަހަށް ނިންމަމުންދާ ކަމަށެވެ.
ނަމަވެސް މަޖިލީހުގައި ދަށް ދުވެއްޔެއްގައި ހިނގަމުންދާ މައްސަލައަކީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހަޅުއްވާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލުގެ މަސައްކަތް އެކަނި ކަމަށެވެ.
"މިއަދު ހުށަހެޅި ބިލެއް މިއަދުން މިއަދަށް ފާސްކޮށް މިއަދު ކޮމިޓީއަށް ވެސް ފޮނުވާލެވިއްޖެ، މި މަޖިލީހުގައި ތާށިވެގެން އުޅެނީ އެންމެ ބިލެއް، އެއީ އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހު، އެ އިސްލާހު އަދިވެސް އެ އޮތް ކޮމިޓީގައި އެބަ އޮތް، އެންމެ ބައްދަލުވުމެއް ވެސް ނުބޭއްވޭ،" ފިއްޓެ ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ނުބާއްވަ އެވެ.
މީކާއީލް ހުށަހެޅުއްވި ބިލުގައި ވަނީ އިޒުރޭލު ޕާސްޕޯޓު އޮތް މީހުންގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު އޮތަސް އިޒުރޭލު ޕާސްޕޯޓު އޮންނަ މީހުނަށް ރާއްޖެ އެތެރެވުން މަނާ ކަމަށް ބަޔާންކޮށް ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށެވެ.
އެ ބިލު ހުށަހަޅުއްވާފައިވަނިކޮށް ސަރުކާރުގެ ކެބިނެޓުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފާސްކޮށްފަ އެވެ. ނަމަވެސް އޭގެ ބިލެއް މަޖިލީހަށް ހުށަހެޅުމުން ސަރުކާރުންނާއި ޕީއެންސީން ނިންމީ މީކާއީލް ހުށަހެޅުއްވި ބިލާ އެކު ކުރިއަށް ދިއުމަށެވެ.
ނަމަވެސް އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމުލަ މަނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ވެސް ކުރަން ޖެހޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.