ވިޔަފާރި

އަންދާޒާ ކުރި ވަރަށް އިގްތިސާދު ކުރި ނާރާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤައުމީ އުފެއްދުންތެރިކަން އަންދާޒާ ކުރި މިންވަރަށް ކުރި ނާރާނެ ކަމަށް ލަފާކޮށްފިއެވެ.

Ads by Sosun Fihaara

އިއްޔެ ފިނޭންސް މިނިސްޓްރީން އާއްމު ކުރި މެކްރޯ-އިކޮނޮމިކް އަޕްޑޭޓު ރިޕޯޓުގައިވާ ގޮތުން ރިއަލް ޖީޑީޕީ ކުރި އަރާނެ ކަމަށް ލަފާކޮށްފައިވަނީ 4.9 އިންސައްތައެވެ. ބަޖެޓްގައިވާ ގޮތުން މިއަހަރު ރިއަލް ޖީޑީޕީ ކުރި އަރާނެ ކަމަށް އަންދާޒާކޮށްފައިވަނީ 5.8 އިންސައްތައެވެ. މިއީ 0.9 އިންސައްތައިގެ ވެއްޓުމެކެވެ.

ރިއަލް ޖީޑީޕީއަކީ އިންފްލޭޝަންއަށް އެޖެސްޓެޑް ޖީޑީޕީއެވެ.

ގައުމީ އުފެއްދުންތެރިކަން ދަށަށް ގޮސްފައިވަނީ އެ ރިޕޯޓްގައި ބުނާ ގޮތުންނަމަ ދެތިން ސަބަބަކާ ހުރެ އެވެ. އެއީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ވަގުތު މަދުވުމާއި, މުހިއްމު ސިނާއަތްތައް ކުރިން ލަފާކުރެވުނު މިންވަރަށް ކުރިނޭރުމެވެ.

އެ ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.3 އިންސައްތަ އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އޭގެ މައިގަނޑު ސަބަބަކީ ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.

2024 ވަނަ އަހަރު ފަތުރުވެރިންގެ އަދަދު 2.0 މިލިއަނަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 8.1 އިންސައްތައިގެ ކުރިއެރުމެކެވެ.

2024 ވަނަ އަހަރުގެ ބެޑް ނައިޓްތައް 6.8 އިންސައްތަ އިތުރުވެ 13.8 މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ޗައިނާ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަސް މަދުވުމުގެ ސަބަބުން އެވްރެޖްކޮށް މަޑުކުރާ މިންވަރު 6.8 ދުވަހަށް ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ. މިކަމުގެ ސަބަބުން ރިއަލް ޖީޑީޕީއަށް އަސަރު ކުރެ އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ކުރިޔަށް އޮތް ދެ އަހަރު އިގްތިސާދީ ދުވެލި ހުންނާނީ އެވްރެޖްކޮށް 5.8 އިންސައްތައިގަ އެވެ. އަދި 2025 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ނިމުމުން ގައުމީ އުފެއްދުންތެރިކަން އިތުރުވުމަށް އެހީތެރިވާނެ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!