ޚަބަރު

ކެރެލާގައި ނުރައްކާތެރި ބްރެއިން-އީޓިން އެމީބާ ފެތުރެނީ، ދިވެހިން ސަމާލުވާން އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ދަތުރުކުރާ އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓް ގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީވެ ސަމާލުވާން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

Ads by MWSC

ކެރެލާ ސްޓޭޓުގެ ވެރިރަށް ޓްރިވަންޑްރަމް ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އަންގާރަ ދުވަހު އާއްމުކުރި ބަޔާނެއްގައި ބުނީ އެ ބައްޔާ މެދު ސަމާލުވާން ކެރެލާގެ ސިއްހީ ވުޒާރާއިންވެސް އެދިފައިވާ ކަމަށެވެ.

ބްރެއިން-އީޓިން އެމީބާ އިންފެކްޝަނަކީ ނޭފަތުން ނުވަތަ ކަންފަތުން ހަށިގަނޑުގެ ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށާ އަދި ސްވިމިން ޕޫލަށް އެރޭނަމަ ކަންފަތާ ނޭފަތަށް ފެންނޭޅޭ ގޮތަށް އިޔާ ބަޑް ނުވަތަ ނޭވަލް ކްލިޕް ބޭނުންކުރަން ސިއްހީ މާހިރުން ލަފާދީފައިވާ ކަމަށް ކޮންސިއުލޭޓްގެ ބަޔާނުގައި ބުންޏެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން ބޮލުގައި ރިއްސުން އަދި ހޮޑުލުން ހިމެނެ އެވެ. މީގެ އިތުރުން ކަނދުރާއަށް ނާރު އެރުން، ވާނުވާ ނޭގުން އަދި ފިޓް ޖެހުމަކީވެސް ބަލީގެ އަލާމާތެކެވެ. އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.

އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުންނަމަ ހުސްވި ހަފްތާގެ ބުދަ ދުވަހާ ހަމަޔަށް އެ ބަލީގެ ފަސް ކޭހެއް ކެރެލާއިން ރިޕޯޓްކޮށްފައިވެ އެވެ. މި ބަލި ޖެހިގެން މުޅިންހެންވެސް ރިޕޯޓްކޮށްފައިވަނީ 14 އަހަރުން ދަށުގެ ކުދިންނެވެ. އޭގެ ތެރެއިން ތިން ކުއްޖަކު މަރުވިކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!