މޭޔަރުންނާއި ކައުންސިލު ރަައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް
މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމަށް އިމިގްރޭޝަނާއެކު މަޝްވަރާ ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ނިންމައިފިއެވެ.
މިގޮތަށް މަޝްވަރާކޮށްފައިވަނީ ކައުއުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕޮލޮމެޓިކް ޕާސްޕޯޓު ލިބޭނެގޮތެއް އޮތްތޯ ބެލުމަށް ތިނަދޫ ސިޓީކައުންސިލުން އެލްޖީއޭއަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓު ލިބޭނެ ގޮތްތައް ހެދުމަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ. މިގޮތަށް މަޝްވަރާކުރީ މިއަދު ބޭއްވި ލޯކަލް ގަވަމަންޓު އޮތޯރިޓީ، އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައެވެ.
ކައުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓު ހޯދައި ދިނުމުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުމާއި އަދި އެ ކައުންސިލަރުންނަކީވެސް ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާތީ އެ ބޭފުޅުންނަށް ހައްގު ދަރަޖަ ދިނުމުގެ ގޮތުންކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.
ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބެނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނަށެވެ. އަދި އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިން ހިމެނެއެވެ.