ޚަބަރު ރައްޔިތުންގެ މަޖިލިސް

އޭސީސީގެ އެންގުންތަކަށް އިދާރާތަކުން އަމަލުނުކުރާތީ ކަންބޮޑުވުން

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އޭސީސީގެ ރައީސް އާދަމް ޝާމިލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުލަތުގެ އިދާރާތަކަށް އަންގާ އެންގުންތަކަށް އަމަލުކުރާ މިންވަރު ކުޑަވާތީ އެކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ފާޅުކުރައްވައިފި އެވެ.

Ads by Hajj Corporation

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ވަނީ ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އޭސީސީގެ ރައީސް ޝާމިލް ވަނީ އެ ކޮމިޝަނުގެ މަސައްކަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރައްވާފަ އެވެ.

ޝާމިލްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އޭސީސީން ދައުލަތުގެ އިދާރާތަކަށް އަންގާ އެންގުންތަކަށް އަމަލުކުރާ ވަރު ކުޑަވުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން އަންގާ އެންގުންތަކަށް ދައުލަތުގެ އިދާރާތަކުން އަމަލުނުކުރުމުން ފިޔަވަޅު ނޭޅެނީ ގާނޫނުތައް އޮތް ގޮތުން ނެވެ.

"އެހެންމަ އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މިސާލަކަށް ފައިސާއެއް މުއައްސަސާއަކަށް އަނބުރާ ހޯދަން އެންގީމަ ދެން އަޅުގަނޑުމެންގެ ގާނޫނު މި އޮންނަ ގޮތުން އަޅުގަނޑުމެންނަށް އެ ލާރިއަށް ދައުލަތަށް އަނބުރާ ނުވެއްދުނީމަ ދެން އެޅޭނީ ކޮން ފިޔަވަޅެއްތޯ؟" ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ކޮމިޝަނުގެ އެންގުންތަކަށް އިދާރާތަކުން އަމަލުނުކުރާ އެއް ސަބަބަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 27 ވަނަ މާއްދާާ މާނަކުރާ ގޮތް ތަފާތުވުމެވެ.

އެ މާއްދާގައި ބުނާގޮތުން، ކޮމިޝަނަށް ހާޒިރުވުމަށް، ނުވަތަ މައުލޫމާތެއް ދިނުމަށް، ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލުކުރުމަކީ، ދިވެހި ރައްޔިތުންގެ މައްޗަށާއި ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގައިވާ މީހުންގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.

ޝާމިލް ވިދާޅުވީ އެ ގާނޫނު އިސްލާހުކުރުމަށް މިދިޔަ 19 ވަނަ މަޖިލީހަށް ވެސް ހުށަހެޅުއްވި ކަމަށެވެ. އެކަމަކު އެ މަޖިލީސް ނިމިގެންދިޔައީ އޭސީސީން އެދުނު އިސްލާހުތައް ގާނޫނަށް ނުގެނެސްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ހުށަހަޅާފަ އޮތް އިސްލާހުތަކުގެ ތެރޭގައި ކޮމިޝަނުން ދައުލަތަށް ވައްދަން ޖެހޭ، އަނބުރާ ހޯދަން ޖެހޭ ފައިސާ އެއް ކަނޑައަޅާ ފޮނުވީމަ ދެން އެއަށް އަމަލުނުކުރާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމުގައި ހަރުދަނާ ބާރުވެރިކަމާ އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަން އެދިފަ." ޝާމިލް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!