މާލޭގެ ފާރުތަކުން ގްރެފިޓީ ފޮހެލުމުގެ މަސައްކަތް ފުލުހުން ފަށައިފި
މާލޭގެ މަގުތަކުގެ ފާރުތަކުގައި އާންމު މިންގަނޑުތަކާ ހިލާފަށްހުރި ގްރެފިޓީ ފޮހެލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އެއީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމެއް ކަމަށެވެ.
ގްރެފިޓީ ފޮހެލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްޓްމެންޓްއާ ސިޓީ ކައުންސިލާ ގުޅިގެންނެވެ. ފުލުހުން ބުނީ ގްރެފިޓީ ފޮހެލުމުގެ އިތުރުން ފާރުތަކުގައި، އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައްވެސް ފޮހެލާނެ ކަމަށެވެ.
އެ ލިޔުންތަކާއި ކުރެހުންތައް ފޮހެލަނީ އެ ސަރަހައްދުތަކަކީ އާންމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދުތަކަކަށް ވާތީ އާއި ކުޑަކުދިންނާ ނުގުޅޭފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީ ކަމަށް ފުލުހުން ބުނެ އެވެ. އެ އިދާރާއިން ބުނެފައި ވަނީ މި މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލޭ ގައި ކުށްމަދު އަމާން ރަނގަޅު ވެއްޓެއް ގާއިމުކުރުމަށް ފުލުހުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.