ނަރުދަމާ ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަނީ
މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީން މީޑިއާތަކަށް ބުނީ އެ ކުންފުނީގެ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތައް ގާއިމުކުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވުން ނިމުމަކަށް ގެނައުމަށް އަމާޒުކޮށް އެ ސަރަހައްދުތަކުން ވަސްދުވުން ހުއްޓުވުމަށް ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ފުރަތަމަ އޮޑަ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުން ކުރަން ފަށާފައި ވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ ހަތަރު ނަމްބަރު ޕަމްޕް ސްޓޭޝަނުގަ އެވެ. ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަނުގެ ވެންޓިލޭޝަންއަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަމްޕް ސްޓޭޝަންތަކުގައި މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އާ ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބަހައްޓާނެ އެވެ. ވައިސާފުކުރާ މި ނިޒާމުގެ ސަބަބުން ޕަމްޕް ސްޓޭޝަނުން ޖައްވުގެ ތެރެއަށްދާ ވައިގައި ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 އިންސައްތައިން ސައްތައަށް ދަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"މި ވަސީލަތްތައް ދެން ގާއިމުކުރެވޭނީ މާލޭގެ ޕަމްޕް ސްޓޭޝަން ދޭއްގައި. އެއަށްފަހު މާލޭގައި ގާއިމުކުރެވިފައިވާ ނުވަ ޕަމްޕް ސްޓޭޝަނުގައި މި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި،" އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ.
އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި ޖާގަ ލިބޭ ތަންތަނުގައި މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށް، ޕަމްޕް ސްޓޭޝަންތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރެވޭނެ ކަމުގަ އެވެ.
މި ސިސްޓަމް އަލަށް ހަރުކުރެވުނު ސަރަހައްދުގައި މީޑިއާތަކާ ބައްދަލުކުރައްވައި އެމްޑަބްލިއުއެސްސީގެ
މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވެފައި ވަނީ ޒަމާނީ އާ މި ނިޒާމަކީ ޕަމްޕް ސްޓޭޝަންތައް ހުންނަ
ސަރަހައްދުތަކުގެ ރައްޔިތުންނަށް އެ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ހައްލެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން އެކި ކަހަލަ ދިރާސާތައް ކުރުމަށްފަހު ބެހެއްޓިގެން ދިޔަ ނިޒާމެއް ކަމަށެވެ.
މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން އެ ކުންފުނިން އިސްކަންދީގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި މިއީ ކުންފުނި ޒަމާނީކޮށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް އެމްޑަބްލިއުއެސްސީން ދެކެ އެވެ.