ވަރަށް އަވަހަށް ޓޫރިޒަމުން ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކަށް ދޭން ފަށާނަން: ރައީސް
ޓޫރިޒަމްގެ ދާއިރާއިން ލިބޭ އާމްދަނީގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރާ ގޮތަށް ނިންމި ނިންމުން މާލަސްތަކެއް ނުވެ ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނާރެސް ޕޯޓަލާއި އޮޕަރޭޝަން ކުރަނގި ފޭސް ދޭއް އިފުތިތާހު ކުުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަަމަށެވެ. ރައްޔިތުން ސީދާ ހޮވާފައި ތިބޭ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ބަޔަކަށް، އެ ހިދުމަތް ދިނުމުގައި ބާރުވެރިކަން ސަރުކާރުން ނުދޭ ނަމަ އެ ހިދުމަތް އެންމެ ރަނގަޅަށް ނުދެވޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ އެފަދަ ހުރިހާ ކަމަކަށް މަގުފަހިކޮށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ކުރާ ކަންކަމުގައި ބާރުވެރިކަން ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އިއުލާނުކޮށްފައިވާ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލާއި މި ކަންކަން ކުރުމާ އެކީގައި، ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން ލިބޭ އާމްދަނީގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރާ ގޮތަށް ނިންމި ނިންމުން މާލަސްތަކެއް ނުވެ ތަންފީޒުކުރަން ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު އިއުލާނުކޮށް، އަމަލު ކުރަން ފަށާފައިވާ ގަވާއިދުގެ ތެރެއިން އެކިއެކި ފަޅު ރަށްތައް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން ކަނޑައެޅޭ މަސައްކަތްތަކެއްކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމުގަ އެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސޯސްގެ ތެރޭގައި ބައެއް ތަންތަން ހިމެނުމުގެ ފުރުސަތު ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާމިނެއްގައި އަދިވެސް ދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމުގައި ކައުންސިލްތަކަކީ އެންމެ ފުރިހަަމައަށް މަސައްކަތް ކުރާ ބަޔަކަށް ހެދުންކަން ފާހަގަކުރައްވާ ކުރިއަށް އޮތް ތަނުގައި އެކަން އެގޮތަށް ކުރިއަށް ގެންދެވޭނެކަން ފާހަގަކުރެއްވި އެވެ.