ޚަބަރު

އިޒްރޭލު- ފަލަސްތީނު މަައްސަލަ: އައިސީޖޭގެ ނިންމުމަށް ރައީސްގެ މަރުހަބާ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ރިޔާސަތު ރައީސް މުއިއްޒު ބަލަހައްޓަވަނީ/ ފޮޓޯ: ރައީސް އޮފީސް

އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރައީސް، އެކަމަށް މަރުހަބާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކޮށް މިއަދު ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.

އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައިވަނީ އިޒްރޭލުން ހިފައިފައިވާ ފަލަސްތީނުގެ ބިން ތަކުގައި ތިބުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ހިލާފުކަމެއް ކަމަށާއި ހިފާފައިވާ ބިންތަކުން އިޒްރޭލުން ވީ އެންމެ އަވަހަކަށް ފޭބުމަށްވެސް އަންގާފައިވެ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ދެމިތިބުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއްކަން ފާހަގަކުރައްވައި ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިދޭކަން އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ފާހަގަކޮށްފައިވާތީ އެކަންވެސް ފާހަގަކުރައްވާފައި ވެއެވެ." ރައީސް އޮފީހުން ޝާއިއުކުރި ހަބަރެއްގައި ބުންޏެވެ.

މީގެއިތުރުން ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް އިޒްރޭލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާއި އިޒްރޭލުގެ ނާއިންސާފު އަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތަށް، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އައިސީޖޭގެ ނިންމުމާއެކު އިތުރަށް އާ ވެގެން ދިޔަކަންވެސް ފާހަގަކުރައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!