ހިލޭ އެހީގެ ގޮތުގައި ލިބޭ ސާމާނުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
ދައުލަތުގެ އޮފީސްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ތަކެތީގެ މައުލޫމާތު އޮފީސްތަކުން ހިއްސާކުރަމުން ނުގެންދާތީ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.
މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ސޮއި ކުރައްވާ ދައުލަތުގެ ހުރިހާ އިދާރާތަކަށް ފޮނުވާފައިވާ ސާރކިއުލާގައި ވަނީ މާލިއްޔަތު ގަވައިދުގެ 11 ވަނަ ބާބުގެ މާއްދާ 11.02 ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރު މުދަލުގެ ރަޖިސްޓްރީގައި ހިމަނައިގެން ބަލަހައްޓަން ޖެހޭނެ ކަމަށެވެ.
ގަވައިދުގައި އެގޮތަށް ބަޔާންކޮށްފައި ވީ ނަމަވެސް ދައުލަތުގެ އޮފީސްތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭ ތަކެތީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އަށް ފޮނުވަމުން ނުދާކަން މި ސާރކިއުލާގައި ފާހަގަ ކޮށްފައި ވެއެވެ.
ދައުލަތުގެ ހަރުމުދަލުގެ ފުރިހަމަ ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާތީ ދައުލަތުގެ އޮފީސްތަކަށް މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ މުދަލުގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީން ވާނީ އެދިފައި ކަމަށް ވެސް މި ސާރކިއުލާ ގައި ފާހަގަ ކޮށްފައި ވެއެވެ.
މިގޮތަށް އީމެއިލްގެ ޒަރީއާއިން އެދިފައި ވީ ނަމަވެސް މި މައުލޫމާތު ފޯރުކޮށްދީފައި ވަނީ ވަރަށް މަދު ފަރާތްތަކަކުން ކަމަށާއި، އެ މައުލޫމާތު ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގެ ގޮތުގައި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރިކޯޑް ކުރުމަށް ބޭނުންވާ ކަމަށް ވެސް މި ސާރކިއުލާ ގައި ބުނެފައި ވެއެވެ. އެހެންކަމުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުރިހާ އިދާރާއަކުން ވެސް އެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އަށް ހިއްސާ ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.