ޚަބަރު އިޖުތިމާޢީ

އަތަމާ އަބްދުއްލަތީފް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަތަމާ އަބްދުއްލަތީފް ވަނީ އުމުރުން 94 އަހަރުގައި އަވަހާރަވެފައި

ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުއްލަތީފް ހުސައިން މަނިކު, (އަތަމާ އަބްދުއްލަތީފް) އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަބްދުއްލަތީފަކީ ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ޤައުމަށްކޮށްދެއްވައި، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަވަހާރަވީ ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މަރުޙޫމް ޢަބްދުއްލަޠީފަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ  މުހިންމު ޙިއްސާދާރެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއް ކަމަށްވެސް ރައީސްގެ ލިޔުއްވުމުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލްކުރައްވާފައިވާ ބޭފުޅެއްކަން ރައީސްގެ މެސެޖުގައި ލިޔުއްވި އެވެ.

“ގެއްލިގެން އެދިޔައީ ޤައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެކެވެ.”

ރައީސް މުއިއްޒު ވިދާޅުވީ މުޅި ޤައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅުގައު މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވަނީ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާ، މަޣްފިރަތާ، ރަޙްމަތުގައި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ލެހެއްޓެވުމަށް އެދި ދުއާ ދަންނަވައިފަ އެވެ.

"ޤައުމަކަށް ކުޅަ ޚިދުމަތެއް، މީހާގެ ނަން މަތިވެރިވެދާށި،

އައުކަމާ ތާޒާކަމާ، ފެހިކަން ނަމަށް ދާއިމްވެދާށި."

އަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!