އެއްވެސް އެއާރޕޯޓެއް ނެތް ގައުމުތަކަކީ މިއީ!

ޒަމާން ބަދަލުވެ މިއަދު ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކޮށްލުމަކީ މާކަ އުނދަގޫ ކަމެއް ނޫނެވެ. އަތުގައި ފައިސާ ހުރިއްޔާ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ޖައްސާ ލެވޭނެއެވެ. ނަމަވެސް އެ ގައުމުތަކަށް ދެވޭ ސަބަބަކީ އެ ގައުމުތަކަށް ވައިގެ މަގުން ދަތުރުތައް ކުރެވޭތީއެވެ. ވައިގެ މަަގުން ދަތުރުތައް ކުރެވެނީ އެގައުމުތަކުގައި އެެއާރޕޯޓުތައް ހުރީމައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ރާއްޖޭގައި ވެސް މިއަދު ގިނަ އެއާރޕޯޓް ތަކެއް ވަނީ ހެދިފައެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކަށް އެ ގައުމުތަކުގައި އެއާރޕޯޓެއް ނެތުމުގެ ސަބަބުން ވައިގެ މަގުން ސީދާ އެ ގައުމުތަކަށް ދަތުރު ކުރެވޭނެ ގޮތެއް ނެތެވެ. އެފަދަ ގައުމުތަކަކީ ކޮބައިތޯ ބަލާލަމާ ހެއްޔެވެ؟
މޮނާކޯ
މޮނާކޯއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ކުޑަ ގައުމެވެ. މި ގައުމުގެ ޖޯގްރަފިކަލް ސަރަހައްދުގައި ވަނީ އެންމެ 2.02 ކިލޯމީޓަރެވެ. މޮނާކޯގައި އެއާރޕޯޓެއް ނޯވެއެވެ. އެހެންކަމުން އެ ގައުމަށް ސީދާ ވައިގެ މަގަކުން ނުދެވޭނެއެވެ. އެހެން ނަމަވެސް ފްރާންސްގެ ކޮޓް ޑި އަޒަރ އެއާރޕޯޓް ވަނީ އެގައުމާ ނުހަނު ކައިރީގައެވެ. އެގައުމަށް އެންމެ ފަސޭހައިން ދެވޭނީ އެ އެއާރޕޯޓަށް ގޮސްގެންނެވެ.

ސަން މަރީނޯ
މި ގައުމަކީ އިޓަލީގެ ކައިރީގައިވާ ފަރުބަދަމަތީ ގައުމެކެވެ. މިގައުމުގައިވެސް އެއަރޕޯޓެއް ނޯވެއެވެ. މި ގައުމަށް ދާން ބޭނުންނަމަ ޓިކެޓް ނަގަންވީ އިޓަލީގެ ފެޑްރިކޯ ފެލިނީ އިންޓާރނޭޝާނަލް އެެއާރޕޯޓަށް ދިއުމަށެވެ.

އަންޑޯރާ
އަންޑޯރާ އަކީ ރީތި ގައުމެކެވެ. ގިނަ ފަރުބަދަތަކެއް މި ގައުމުގައި ހުންނަ ކަން ފާހަގަ ކުރެެވެއެވެ. ގުދުރަތީ ހިތްގައިމު ފޮޓޯތައް ނަގާލުމަށް މި ގައުމު ވަރެއް ނޯންނާނެ ކަން ޔަގީނެވެ. މި ގައުމުގައި ވެސް އެެއާރޕޯޓެއް ނޯވެއެވެ. މި ގައުމާ އެންމެ ކައިރި އެއާރޕޯޓެއް އޮންނަނީ ސްޕެއިންގެ ބާސެލޯނާގައެވެ.

ލެއިޗްޓެންސްޓެއިން
ލެއިޗްޓެންސްޓެއިން އަކީ އޮސްޓްރިއާ އާއި ސްވިޒަލޭންޑާއި ދެމެދުގައިވާ ކުޑަކުޑަ ގައުމެކެވެ. މި ގައުމުގައި އެއާރޕޯޓެއް ނޯވެއެވެ. ނަމަވެސް މި ގައުމަށް ހެލިކޮޕްޓަރު ޖެއްސޭ ހެލިޕޯރޓެއް ހަދާފައި ވެއެވެ. މި ގައުމާއި އެންމެ ކައިރީގައިވާ އިންޓަރނޭޝަނަލް އެއާރޕޯޓަކީ ސުވިޒަލޭންޑުގެ ގަލެން އަލްޓެންރެއިން އެއަރޕޯޓެވެ.

ވެޓިކަން ސިޓީ
ވެޓިކަން ސިޓީ އަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ގައުމެކެވެ. އަދި ގިނަ ބަޔަކަށް އެނގޭ ގައުމެއް ވެސް މެއެވެ. ނަމަވެސް މި ގައުމުގައިވެސް އެެއަރޕޯޓެއް ނޯންނަކަން ފާހަގަ ކުރެވެއެވެ. މި ގައުމާއި އެންމެ ކައިރީގައި އޮންނަ އެއަރޕޯޓަކީ އިޓަލީގެ ރޯމް ކިއަމްޕީނޯ އެއާރޕޯޓެވެ.
