ޚަބަރު

ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫއިން ހިދުމަތް ދޭން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީސް ކޭބަލް ސަބްމެރިން މެދުވެރިކޮށް އުރީދޫގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފި އެވެ.

Ads by MWSC

މިކަން ހާމަކޮށްފައިވަނީ އުރީދޫއަށް 19 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އުރީދޫ ހެޑް ކުއާޓާސްގައި ބޭއްވި ޖަލްސާއެއްގަ އެވެ.

ޕީސް ކޭބަލްއަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަގްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ.

މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.

ޕީސް ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫ މޯލްޑިވްސްއިން އަޅާފައިވަނީ ކުޅުދުއްފުށި ސިޓީއިން ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ރަށްތަކެއް ހިމެނޭ ގޮތަށެވެ. އުރީދޫ މޯލްޑިވްސްއިން ކުޅުދުއްފުށި ހިޔާރުކޮށްފައި ވަނީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ހިދުމަތްތަކާ އެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.

މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕްގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާއާއި ވެސް ރާއްޖެ ގުޅައިލެވޭނެ އެވެ. އުރީދޫ އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކޮށްފައިވަނީ ވަނީ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ.

މި ކޭބަލްއާ އެކު 5ޖީ ގެ ގާބިލްކަން އިތުރުވެގެން ދިޔައިރި، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަންއަށް ގުޅައިލުމާ އެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަސްކޭލާ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެއެވެ. މި ކޭބަލް ވެގެންދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭއަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އާވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްގީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!