13 އިމިގްރޭޝަން އޮފިސަރަކު ޗައިނާ ބަސް ދަސްކޮށްފި

ރާއްޖޭގައި ހުންނަ ޗައިނާގެ އެންބަސީއާ ގުޅިގެން ރާއްޖޭގެ އިމިގްރޭޝަނުން ހިންގި ޗައިނީޒް ލޭންގްއޭޖް ޓްރައިނިން ކޯހުން 13 އޮފިސަރަކު ދަސްވެނިވެއްޖެއެވެ.
މި ކޯހުގައި ޖުމްލަ 19 އޮފިސަރަކު ވަނީ ބައިވެރިވެފައެވެ. މިއަދު ދަސްވެނިވި އޮފިސަރުންނަށް ވިލާ ކޮލެޖްގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހަނދާނީ ލިޔުން ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންގ ވިދާޅުވީ, ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމު ކަމަށާއި, ޗައިނާ ބަސް އިމިގްރޭޝަންގެ އޮފިސަރުން ދަސްކުރުމަކީ, އެ ފަތުރުވެރިން ދިވެހިންނާ ގުޅުވައިދޭނެ ކަމެއް ކަމަށެވެ. އަދި ހަމައެކަނި ޗައިނާ ބަސް އިނގޭ ފަތުރުވެރިންކަމުން, ޗައިނާ ބަސް އިނގުމުން ސަބަބުން ވަގުތު ސަލާމަތްވެ، ދިމާވާނެ ދަތިތައް ސަލާމަތްވުމުގެ އިތުރުން ޗައިނާގެ ރައްޔިތުންގެ މެދުގައި ރާއްޖެ އިޝްތިހާރުކޮށް، ދެ ގައުމުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ޗައިނާގެ ސަފީރު ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް
އޭގެ އިތުރުން އައު ބަހެއް ދަސްކުރުުމަކީ އުނދަގޫ ކަމެއްކަން ފާހަގަ ކުރައްވަމުން ސަފީރު ވަނީ, އޮފިސަރުން ދެއްކި ހިތްވަރަށް ސާބަސް ދީފައެވެ. އަދި އިތުރު ބަހެއް އުނގެނުމުގެ މުހިންމު ކަމަށް އިޝާރާތް ކުރައްވަމުން ސަފީރު ވިދާޅުވީ, ބަހަކީ ހަލޯރާތްތައް އެކުވެ, އެކީގައި ކުރިޔަށް ދެވޭނެ މައިގަނޑު ގޮތް ކަމަށެވެ. ޗައިނާ ބަސް އުނގެނިގެން ޗައިނާގެ ތަރައްޤީގެ ސިއްރުތަކާއި, ޗައިނާގެ ވާހަކަތައް ވެސް އެނގިގެންދާނެ ކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ޖުލައި މަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 150,000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ 13.2 އިންސައްތައެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންވަނީ އެކުދިންގެ ހުނަަރު ދައްކާލަން, ދެ މީހެއްގެ ދެމެދުގައި ހިނގާނެ މުއާމަލާތްތައް ނަކަލުކޮށް, އެކްޓެއްގެ ސިފައިގައި ގެނެސްދީފައެވެ. އަދި ޗައިނާގެ ލަވައެއް ވެސް އިމިގްރޭޝަން އޮފިސަރުން ވަނީ ހުށަހަޅާ ދީފައެވެ.

ކޯހުގެ ބައިވެރިން ޗައިނާ ބަހުން ލަވައެއް ހުށަހަޅައިދެނީ... ދެން އިމޭޖްސް
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވިދާޅުވީ, މިއަދު ދަސްވެނިވި އޮފިސަރުންގެ ސަބަބުން ރާއްޖޭގެ ބޯޑަރު އިތުރަށް ރައްކާތެރި ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު މާކެޓުގެ މައި ބަސް, އިމްރޭޝަންގެ އޮފިސަރުންނަށް އިނގިގެން ދިއުމަކީ ޗައިނާ ފަތުރުވެރިންނާއި ދަތުރުވެރިންނަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ޝަމްއާން ވާހަކަފުޅު ދައްކަވަނީ
"ފަތުރުވެރިންނަށް އެންމެ ފުރަތަމަ ރާއްޖެއަށް މަރުޙަބާާ ކިޔަން މި ތިބެނީ އިމިގްރޭޝަންގެ މުވައްޒިފުން. އެމީހުންނާ ރަނގަޅަށް ވާހަކަ ދައްކަން އިނގުމަކީ ބޯޑަރު ވަރުގަދަ ކުރުމުގެ އިތުރުން އެ މީހުންގެ ދަތުރުގެ ތަޖުރިބާ ރަނގަޅުވުމަށް ލިބޭނެ ބާރެއް" އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން ވަނީ މިއަދު ޗައިނާ ބަހުގެ ކޯހުން ދަސްވެނިވި ހުރިހާ އޮފިސަރުންނަށް މަރުޙަބާ ދަންނަވާ, ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް އިއްޒަތްތެރިން.. ދެން އިމޭޖްސް
މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރުގެ އިތުރުން, އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްއާނާއި, މިނިސްޓަރ އޮފް ސްޓޭޓްސް ފޯރ ފޮރިން އެފެއާޒް ޝްރޭނާ އަބްދުއްސަމަދާއި, މިނިސްޓަރ އޮފް ސްޓޭޓްސް ފޯރ ހޯމްލޭންޑް ޑރ. މުޙައްމަދު ކިނާތާއި, މިނިސްޓަރ އޮފް ސްޓޭޓްސް ފޯރ ޓޫރިޒަމް މުޙައްމަދު ނިހާދުގެ އިތުރުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ބައިވެރިވެ ވަޑައިގަތެވެ.