ޚަބަރު އިޖުތިމާޢީ

މާލޭގައި މާރާމާރީ ހިންގި ހަ ބިދޭސީން ޑީޕޯޓުކޮށްލަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާރާމާރީ އާ ގުޅިގެން ޑީޕޯޓުކޮށްލުމަށް ނިންމާފައިވާ މީހުން / ފޮޓޯ:އިމިގްރޭޝަން

މާލޭގައި ހިންގި މާރާމާރީގެ މައްސަލައަކާ ގުޅިގެން ހަ ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފި އެވެ.

Ads by Sosun Fihaara

މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީ އާ ގުޅިގެން ދެ މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ބުނެފައިވެ އެވެ. އަސްރަފީ މަގުގައި ހިންގި އެ މާރާމާރީ އާ ގުޅިގެން ފަސް މީހަކު ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ "އެކްސް" އެކައުންޓުން ރޭގައި ކުރި ޕޯސްޓެއްގައި ބުނީ އެ މާރާމާރީގެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ހަ މީހަކު ފުލުހުން އެ އިދާރާ އާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓު ކުރުމަށް މިހާރު ވަނީ ނިންމާފައި،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނާ ރޭގެ ވަގުތެއްގައި ހަވާލުކުރި ހަ ފިރެހެނުންގެ އުމުރާއި ފޮޓޯ އެ އިދާރާއިން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ އުމުރުފުރާ އުޅެނީ 26 އަހަރާއި 40 އަހަރާ ދެމެދުގަ އެވެ.

މާރާމާރީ ހިންގި މީހުން ޑީޕޯޓުކުރަން ނިންމިއިރު، މިފަހުން ގދ. ތިނަދޫގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ބިދޭސީން ޑީޕޯޓު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ބިދޭސީން ހިންގާ ކުދި ފިހާރަ އާއި ޓޭކްއަވޭ ކޮފީ ޝޮޕްތަކާއި ހަށި ވިއްކާ ތަންތަން ރެއިޑްކުރަމުންދާއިރު، އެ ތަންތަނުން އަތުލައިގަތް 2،013 މީހަކު ވަނީ ޑީޕޯޓުކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!