ސިޔާސީ ބޭފުޅުން މާލީ އިދާރާތަކުގެ ބޯޑަށް ލެވޭ ގޮތަށް ހަމަޖައްސައިފި

ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް މާލީ މުއައްސަސާތަކުގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ތިއްބެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.
މިއަދު މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ބޭންކުތަކާއި އިންޝުއަރޭންސް އަދި ފައިނޭންސް ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނޭންސްގެ އުސޫލަށް އެމްއެމްއޭއިންވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ.
މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ މަތީ ވެރިޔާ ނުވަތަ ކެބިނެޓުގެ ވަޒީރުން ފިޔަވައި ސިޔާސީ އެހެނިހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މާލީ އިދާރާތަކުގެ ބޯޑަށް އައްޔަންނުކުރެވޭނެ ކަމަށެވެ.
ކުރިން އެ ގަވާއިދުގައި ބުނެފައިވަނީ މާލީ އިދާރާތަކުގެ ބޯޑުގެ މެންބަރުކަމަށް، ސަރުކާރުގެ ވުޒާރާއެއްގެ ނުވަތަ ޑިޕާޓުމެންޓެއްގެ މަގާމަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއި، ގާނޫނުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ސިޔާސީ ޕާޓީއެއްގެ މުހިއްމު މަގާމެއްގައި ތިއްބަވާ ބޭފުޅުން އައްޔަން ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ގާނޫނުން އުފައްދާ ދައުލަތުގެ އިދާރާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިހާރުވެސް ބޯޑުތަކަށް އައްޔަަނު ކުރެވޭނެ އެވެ.
މިއަދު އެމްއެމްއޭއިން ގެނައި އިސްލާހަށް އެ އިސްލާހު ގެޒެޓުގައި ޝާއިއުކުރުމާއެކު އެއަށް އަމަލު ކުރަން ފަށާނެ އެވެ.