މަގު މައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާތީ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާއެކުވެސް ވެމްކޯގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާލަތުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން ކުނިނެރުމުގައި އިތުރަށް ސަމާލުވުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުނި ނެގުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، މަގުތަކަށް ކުނި ނުނެރުމަށާއި، ކުނި ނަގާ ގަޑިއަށް ސަމާލުވެ އެގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނެ ގޮތަށް ކުނިތައް ބެހެއްޓުމަށްވެސް ވެމްކޯއިން އިރުޝާދު ދެއެވެ. އަދި އެއްވެސް ތަނަކުން ކުނި ނުނަގާ ހުރިނަމަ 1666 އަށް ގުޅައި، އެކަން އެންގުމަށްވެސް ވެމްކޯއިން އިލްތިމާސްކުރެއެވެ. މީގެއިތުރުން ޓްރާންސްފާ ސްޓޭޝަންތަކުން ޚިދުމަތް ހޯދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވެމްކޯގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށްވެސް އެކުންފުނިން އިރުޝާދުދެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ. މިއާއެކު ސަރުކާރުގެ އެހެން މުޢައްސަސާތަކާއި ގުޅިގެން ވެމްކޯގެ މުވައްޒަފުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގައި އެކުންފުނީގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.