ވިޔަފާރި

އެމްއޭސީއެލުން މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ސްޕޮންސާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ސްޕޮންސާ ކޮށްފި އެވެ.

Ads by Sosun Fihaara

ހޮޓެލް ޖެންގައި ކުރިޔަށް ދިޔަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް(މަޓާޓާ)ގެ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސާޖިދާ ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ހަގީގީ ބަދަލެއް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށެވެ.

އަދި އެކަން ހާސިލުކުރުމަށްޓަކައި އަންހެން ކަނބަލުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ފަސްޓް ލޭޑީ ދެއްވި އެވެ.

އެ ކޮންފަރެންސް އެމްއޭސީއެލުން ސްޕޮންސާ ކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށް ވުމާއިއެކު، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުމުވެ.

އަދި ހާއްސަކޮށް އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި، އަންހެނުން ބާރުވެރިކުރުމަށް ހިތްވަރު ދިނުމަށެވެ.

އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލް އޭރޯޑްރޯމް މެނޭޖްމެންޓް ސާވިސަސްގެ ސީނިއާ ޖެނެރަލް މެނޭޖާ މަހަމޫދާ ޝަރީފް ވިދާޅުވީ އިންޖިނިއަރިން ދާއިރާއާއި އެއާފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލީޑާޝިޕްގެ މަގާމުތަކުގައި އަންހެނުން މަދުކަމަށެވެ.

އަދި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށް، އެމްއޭސީއެލްގެ މެނޭޖްމަންޓުން ލީޑާޝިޕް މަގާމްތަކަށް އަންހެނުން އައްޔަނުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ފާހަގަކުރެއްވި އެވެ.

އޭގެ ތެރޭގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއި، އަދި ޖިންސުގެ ތަފާތުކުރުމަށްވުރެ ގާބިލުކަމަށް އިސްކަންދީ، ޖިންސުގެ ފަރަގު ނައްތާލުމަށް އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

އެ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކުރުމެވެ.

ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވި ދެ ޕެނަލް ޑިސްކަޝަން ވެސް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

އެގޮތުން މަތީ މަގަމުތަކުގައި ތަފާތުކުރުން ނައްތާލުމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި، ޒަމާނުއްސުރެ ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާފަރާތްތަކާއި މެދު ދެކޭގޮތާއި ބެހޭގޮތުން ޕެނަލްގެ ބައިވެރިން ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ.

Ads by HDC
  1. Obrigado pelo artigo promissor Na verdade, foi uma conta de diversão, parece muito mais agradável de sua parte. No entanto, como podemos nos comunicar