ޚަބަރު

އަންހެނެއްގެ ހަގީގަތް އެނގޭނީ ފިރިމީހާ ފަގީރުވާ ވަގުތުގައެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމުގައި ވެސް ތަފާތު ދުވަސްތަކާ ކުރިމަތިލާން ޖެހޭނެ ކަން ކަށަވަރެވެ. އެކަކުވެސް އަބަދަކު އުފަލުގައި ނޫޅޭނެ ކަން ޔަގީނެވެ. އަދި އެކަކުވެސް އަބަދު ހިތާމައެއް ވެސް ނުކުރާނެ ކަން ކަށަވަރެވެ. ހަމަ މި ބީދައިން އެއްވެސް މީހަކީ އަބަދު ތިޔާގިކަން މަތީ ހުންނާނެ މީހެއް ނޫނެވެ. އަތްމަތި ދަތިވާ ދުވަސްތަކާ ހަމަ ކޮންމެ މީހަކަށް ވެސް ބައްދަލު ކުރަން ޖެހޭނެއެވެ.

ދިރިއުޅުމުގައި އަޅުގަނޑުމެން އެންމެންވެސް ހަޔާތުގެ ބައިވެރިއެއް ހިޔާރު ކުރަމުއެވެ. ދުނިޔޭގެ ދިރިއުޅުން އެމީހަކާއެކު ވޭތުކުރުމަށް ފޮނި އުއްމީދު ތަކަކާއެކުގައެވެ. ދެމީހުން އެކަކު އަނެކަކަށް ވައުދު ވަނީ ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް ދެމީހުން އެކަކު އަނެކަކުގެ އަތުން ދޫކޮށް ނުލުމަށެެވެ. ދެމީހުން އެކަކު އަނެކަކާ ވާގިވެރިވެ ދިރިއުޅުމުގެ ދަތުރުގައި ހިތްވަރު ދޫނުކޮށްލުމަށެވެ.ނަމަވެސް އާޚިރުގައި ކަންތައްތައް ވެފައި އޮންނަނީ މިހެންތޯ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލަމާ ހިނގާށެވެ.

ދެމީހުން އެކަކު އަނެކަކާ ލޯބީގެ ގޮތުން ގުޅި ރައްޓެހިވެގެން އުޅޭއިރު، ފިރިހެން ކުއްޖާ އަންހެން ކުއްޖާއަށް ހަދިޔާ ދީ އުޅޭތަން ފެނެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވާ ހިސާބަކީ ކޮބައި ހެއްޔެވެެ؟ ކޮންމެ މަހެއްގެ "އެނިވާސަރީ" އަށް ކޮންމެވެސް ހަދިޔާއެއް ދެމުން އަންނަ ފިރިހެން ކުއްޖާގެ އަތްމަތި ދަތިވެއެވެ. އެ ހިސާބުން އޭނާ އަށް އެނިވާރސަރީތަކުގައި އަންހެން ކުއްޖާއަށް ހަދިޔާއެއް ނުދެވެއެވެ. ނަތީޖާ އަކަށް ވަނީ އެކަމާ އަންހެން ކުއްޖާ ހިތްހަމަ ނުޖެހުމެވެ. ކީއްވެގެން ބާވައެވެ؟ ލޯބިވާނަމަ، ނުވަތަ ލޯބިވާކަން ހާމަކޮށްދިނުމަށް ޓަކައި އަގުބޮޑު ހަދިޔާތައް ދޭން ޖެހޭ ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީއެވެ. އެ ހަދިޔާތަކަކީ ލޯބިވާކަމުގެ ދަލީލެއް ކަމަށް އޭނާ ދެކެނީ ކަންނޭނގެއެވެ.

ދުވަސްކޮޅަކުން ފެންނާނީ ހަމަ މިދެންނެވި އަންހެންކުއްޖާ އެ ފިިރިހެން ކުއްޖާ ދޫކޮށްލާ ކޮންމެވެސް އެހެން މީހަކާ ލޯބީގެ ގޮތުން ގުޅޭ ތަނެެވެ. އޭނާ ބޭނުންވާފަދަ ހަދިޔާތައް ދެވޭ ފަދަ ތަނަވަސް މީހަކާއެވެ. މިއީ ކޮންމެ ފަހަރަކު ކަންތައްވާ ގޮތެކޭ ނުދަންނަވަމެވެ.

މިފަދަ މީހުން ޒަވާޖީ ޙަޔާތެއް ފެށުމުން ދެން ވެސް ބައްދަލުވާ ޙާލަތްތަކަށް ވިސްނާލާށެވެ.

އަނބިމީހާގެ އުފާވެރިކަމަށް ޓަކައި ފިރިމީހާ އެތައް ކަމެއް ކޮށްދެއެވެ. އެކީގައި ރެސްޓޯރެންޓްތަކުން ކެއުމާއި ޗުއްޓީތަކުގައި ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ކަންކޮޅަށް ދަތުރުކުރެއެވެ. އަގު ބޮޑެތި ހަދިޔާތައް ދެއެވެ. ކުރުކޮށް ދަންނަވާނަމަ އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ފިރިމީހާގެ މުޅި މިލްކިއްޔާތު ހުސްކޮށްލުމަށް އޭނާ ފަހެއް ނުޖެހެއެވެ،

ނަމަވެސް ފިރިމީހާގެ ހެޔޮކަމަށް ތަޢުރީފު ކުރަމުން ، އޭނާގެ ލަވަތަކަށް ހެމުން ނަށަމުން ދިޔަ އަނބިމީހާގެ ވިސްނުމާއި ފިކުރު ބަދަލު ވެގެންދަނީ ހިނދު ކޮޅެއްގެ ތެރޭގައެވެ. ފިރިމީހާގެ އަތްމަތި ދަތިވެ ބޭރަށް ކާން ދިއުން މަދުކުރަން ޖެހުމުންނެވެ. ނުވަތަ މުޅިން ހުއްޓާލަން ޖެހުމުންނެވެ. ރާއްޖެތެރޭގެ ރަށަކަށްވެސް އަދި ރާއްޖޭން ބޭރަށް ވެސް އެއްވެސް ދަތުރެއް ނުދެވުމުންނެވެ. ކުރިން ހޭދަ ކުރި އުފާވެރި ވަގުތުތަކަކީ ހަމައެކަނި ހަނދާންތަކަކަށް ދޫކޮށްލަން ޖެހުމުންނެވެ. ދެން ވާ ގޮތަކީ ހެއްޔެވެ؟ ފިރިމީހާ އަނބިމީހާއަށް ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދެނީ ކަމުގައި އޭނާ ވިސްނައެވެ. ނަތީޖާ އަކަށް ވަނީ ދެމަފިރިންގެ ދޭތެރޭގަައި މައްސަލަ ޖެހުމެވެ. ސަބަބަކީ ހަމަ ފިރިމީހާގެ އަތްމަތި ދަތިވުން ނޫން އެހެން ސަބަބެއް ނޫނެވެ.

ހަގީގީ ލޯބިވާނަމަ ތިބާގެ ފިރިމީހާގެ އަތުގައި ފައިސާ ހުރި ނަމަވެސް ނެތް ނަމަވެސް އެމީހަކާއެކު ތިބާ ވާނެއެވެ. އޭނާގެ އަތްމަތި ދަތިވާ ހާުލުގައި އޭނާއަށް ވާގިވެރިވާނެއެވެ. ދިރިއުޅުމުގެ މަގުގައި ކަށިކުނބުރު ބިޔަ ގަސްތަކު ތެރޭގައި އޭނާ އެކަނި ވާކަށް ހަމަހިލާ ދޫކޮށެއް ނުލާނެއެވެ. ލޯބީގައި ދެމީހުން އެކަކު އަނެކަކަށް ކުރި ވައުދުތަކާއި އަހުދުތައް ދުވަހަކުވެސް އުވައެއް ނުލާނެއެވެ.

ލޯބިވާކަން ހާމަ ކުރުމަށް ޓަކައި މާ ގިނަ ފައިސާތަކެއް ހަރަދުކުރާކަށް ނުޖެހެއެވެ. ކިތަންމެ ގިނަ ފައިސާ ހުރި ނަމަވެސް ނުގަނެވޭނޭ އެއްޗެހި ވެއެވެ.ފިރިމީހާ ތިބާއަށް ދޭ ލޯތްބަކީ ތިބާ މިލިއަނުން ބިލިއަނުން ފައިސާ ދިން ކަމުގައި ވިޔަސް ގަނެވޭނެ އެއްޗެއް ނޫނެެވެ. އަދި ފިރިމީހާ ތިބާއާއި އެކު ހޭދަކުރާ ވަގުތުތަކަކީ ކިތަންމެ ގިނަ ފައިސާ އެއް ހަރަދު ކުރި ނަމަވެސް ގަނެވޭނެ އެއްޗެއް ނޫން ކަން ޔަގީނެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް ވަރަށް ގިނަ ފަހަރު ކަންތައް ހިނގާ ހިތާމަވެރި ގޮތަކީ މިއީއެވެ. ފިރިމީހާ އަތްމަތި ދަތިވެ ދަތިހާލުގައި ޖެހިއްޖެ ނަމަ އޭނާއާއެކު އުމުރަށް އުޅޭނެ ކަމަށް ވައުދުވި އަނބިމީހާ އެ ވައުދުތައް މަތީން ހަނދާން ނެތެއެވެ. ކެތްތެރިކަމަކީ ފަރުވާއެއް ކަމަކަށް ނުދެކެއެވެ.

އެހެން ކަމުން އަންހެނާގެ ހަޤީޤަތް އެނގޭނީ ފިރިމީހާ ފަގީރުވާ ވަގުތުގައެވެ. ފަގީރުވާ ވަގުތު ފިރިމީހާ ދޫކޮށް ދާ އަންހެނާ ދިރިއުޅުމަށް ގެންނަން ހެޔޮ ވެސް ނުވާނެއެވެ. ދިރިއުޅުމަށް ބޭނުންވަނީ ފިރިމީހާ ފަގީރުވުމުން ވެސް އެކުގައި އޭނާއަށް ވާގިވެރިވުމުގައި ދެމި ހުންނަ އަތްބެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!