ދީން

ދެމަފިރިންގެ މެދުގައި ހަރުދަނާ ގުޅުމެއް އާލާކުރުމަށް އޮތް ހަތަރު ސިފަ

ދެން އެމްވީ ، ދެން އޮންލައިން

ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، ލޯތްބާއި، އިޚުލާޞްތެރިކަމާއި،ގާތްކަމާއި، އަދި ސިއްރުތައް އެހެނިހެން ދޭދޭ ދެމީހުންގެ ދެމެދުގައި ހުންނަންވާ މިބާވަތުގެ އެންމެހައި ގުޅުންތަކާ ވަރަށް ތަފާތެވެ. ހެޔޮކަމުގެ ތެރެއިން ފިރިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތަކެއް ވާފަދައިން ފިރިހެނުން އަނބިމީހާއަށް އަދާކުރަން ޖެހޭ ހައްޤުތަކެއް ވެސް ވެއެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ ނުތަނަވަސްކަން ފިލުވައިލެވޭނީ އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތަކާ މެދުގައި ﷲ ތަޢާލާއަށް ތަޤުވާވެރިވެގެންނެވެ.

Ads by STELCO

ކާވެންޏާ އެކުގައި ފެށިގެން އަންނަ ހައްޤުތަކަކާއި އަދި ކާވެނީގެ ކުރީގައި ދެމީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި މިހެން ގޮސް ދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ޢަމަލުތައް ބިނާކުރާނެ ފުރިހަމަ ގޮތްތައް އަހަރެމެންގެ ދީނުގައި ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެގޮތުން ދެމަފިރިންގެ ޙަޔާތް ބާއްޖަވެރިކުރުމަށް މިފަދަ ކަންކަމަށް އަމަލުކުރުމަކީ މުހިންމު ކަމެކެވެ.

ދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް އެންމެ މުހިންމުކަމަކީ ދެމަފިރިން އެކަކު އަނެކަކަށް އަމާނާތްތެރިވުމެވެ. ކިތަންމެ ބޮޑުކަމެއްގައި ނަމަވެސް ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވުން ހުއްދަވެގެން ނުވެއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަންވާ ގާތްކަމާއި ގުޅުންތައް ފެށިގެން އަންނަނީ ދެމަފިރިން އެކަކު އަނެކަކަށްކުރާ އިތުބާރާ އެކުގައެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ އަލްއަންފާލް ސޫރަތުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުން ﷲއަށާއި ރަސޫލާއަށް ޚިޔާނާތްތެރި ނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވެސް ޚިޔާނާތްތެރި ނުވާށެވެ." ދެމަފިރިންގެ ދެމެދުގައި ނުވަތަ އެއިން އެކެއްގެ ކިބައިގައި ޚިޔާނާތްތެރިކަމެއް ހުރެއްޖެ ނަމަ ދިރިއުޅުމުގައިވާ ހިތްފަސޭހަކަމާއި އޮމާންކަން ނެތިގެން ހިނގައިދާނެއެވެ.

ދެމަފިރިންގެ ގުޅުން ހެޔޮގޮތުގައި އުފާވެރިކަމާ އެކުގައި ދެމިއޮތުމަށް އެދޭ ނަމަ ދެމަފިރިންކުރެ ކޮންމެމީހަކު އެކަކު އަނެކަކަށް އޯޤާތެރިވެ ރަޙުމުކުރުމަކީ ދެމީހުންކުރެ ކޮންމެ މީހެއްގެ މައްޗަށްވާ ވާޖިބެކެވެ. ދެމަފިރިވަންތަކަން ﷲ ތަޢާލާ މަޚުލޫޤުންގެ ތެރޭގައި ލައްވައިފައި ވަނީ އެކަލާންގެ ކުޅަދުންވަންތަކަމުގެ ދަލީލެއްގެ ގޮތުންނެވެ. ވީއިރު އިންސާނުން އެކަން ތަމްޘީލު ކުރެވޭތޯ މަސައްކަތްކުރަން ވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ތިޔަބައިމީހުންގެ ހިތްތަކަށް ހަމަޖެހުން ލިބޭނެ ގޮތުގައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ލައްވަވާފައިވާކަމީ ﷲ ތަޢާލާގެ ޤުދުރަތްތެރިކަމާއި އެއްކައުވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި ރަޙުމް އެކަލާނގެ ލެއްވެވިއެވެ."

ދެމަފިރިންގެ ގުޅުން ބާއްޖަވެރިކަމުގައި ދެމިއޮތުން ބިނާވެގެން ވަނީ ދެމަފިރިން އެކަކު އަނެކަކަށްކުރާ އިތުބާރުގެ މަތީގައެވެ. ދެމަފިރިންކުރެ ކޮންމެމީހަކު އަނެކަކަށް އިތުބާރުކުރަން ވާނެއެވެ. ދެމީހުންކުރެ އެކަކު ވެސް އަނެކާގެ ގާތުގައި އިތުބާރު ގެއްލިގެން ހިނގައިދާނެ އެއްވެސްކަމެއް ނުކުރާ ނަމަ ﷲ ތަޢާލާ ދެމަފިރިންގެ ދެމެދުގައި ލައްވަވައިފައިވާ ރަޙުމަތާއި މަވައްދަތު ކެނޑިގެންނުދާނެއެވެ. ދީނީ އަދި ދުނިޔަވީ އެއްވެސް ހަމައެއް ނެތި ތިމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމަކީ އަނެއްމީހާޔަށް ކުރާ އިތުބާރު ކަނޑާލައިގެންވާނެ ސަބަބެއްކަމުގައި ނުހަދާށެވެ. މާއްދިއްޔަތުގެ މިޒަމާނުގެ ހުރިހާ ކަމެއްގައި ވެސް ދެމަފިރިން ބަލަންވާނީ އިސްލާމްދީނުގެ ތަޢުލީމާއި އެދީނުގެ އިރުޝާދުތަކަށެވެ. މިޘާލަކަށް ފިރިމީހާ އިތުރު އަންހެނަކާ އިންނަން ޤަސްތުކޮށް އެކަމަށް ކުރިމަތިލުމަކީ އަނބިމީހާ ވަރަށް ގިނަ ފަހަރު ރުޅިއައިސް ފިރިމީހާއަށްކުރާ އިތުބާރު ކަނޑައިލާކަމެކެވެ. ނަމަވެސް އެއީ ދީނީ ހަމަޔަކުން ކަނޑާލެވިދާނެ އިތުބާރެއް ނޫނެވެ. ދެވަނަ ނުވަތަ ތިންވަނަ ނުވަތަ ހަތަރުވަނަ އަންހެނަކާ ކާވެނީގެގޮތުން ގުޅުމަކީ ޤާބިލުކަން ހުރި ނަމަ، އިސްލާމްދީން ތަރުހީބު ދޭކަމެކެވެ.އުފާވެރިކަން ދެމިއޮތުމަށް އެދޭ ނަމަ އެއްވެސް އަސްލެއް ނެތް ކަންކަން ދެމަފިރިންގެ ދެމެދުގައިވާ އިތުބާރާއި ގާތް ނުކުރާށެވެ.

ދެމަފިރިންގެ ޙަޔާތް ބާއްޖަވެރި، އުފާވެރި ދިރިއުޅުމަކަށް ހެދުމަށް ޓަކައި އެންމެ މުހިންމު އެއްކަމަކީ ދެމީހުންގެ ދެމެދުގެ މުޢާމަލާތްތައް ރަނގަޅުކުރުމެވެ. ރީތިބަހުން ވާހަކަދެއްކުމާއި، މާތްކޮށް ހިތުމާއި، ރީތި ނަމުން މުޚާތަބުކުރުމަކީ އިސްލާމްދީނުގައި ދެމަފިރިންގެ މެދުގައި އަށަގަންނަވަން ޖެހޭ ރިވެތި އަޚުލާޤުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހަމައެހެންމެ އެކަކު އަނެކަކުގެ މައްޗަށް އަދާ ކުރަން ޖެހޭ ޙައްޤުތަކަށް ރައްކާތެރިވެ އަމިއްލަ ކަމެއްގެގޮތުގައި ދެކިގެން ކޮށްދިނުމެވެ. "ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށް ލޯބިކުރާ ކަންކަން ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަނުވާނެއެވެ." މިޤަވާއިދުގެ ދަށުންނެވެ. ތިމާގެ މައްޗަށް ކަނޑައެޅިފައިވާ ޙައްޤުތައް އަދާކުރުމުގައި އެކަކު އަނެކެއްގެ ކައިރީގައި އާދޭސްކުރުމުގެ ރޫހު ނައްތައިލާން ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޙައްޤުތައް ދެނެގަނެ ނަފުސު އެކަން ކަމުގެ މައްޗަށް ހާނުވާށެވެ.

މިލިޔުމުގައި ބަޔާންކުރެވުނު ހަތަރު ނުކުތާއަކީ ދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ޓަކައި ދެމަފިރިން އެކަކު އަނެކަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކެވެ. އެއިން ހުރިހާކަމެއްގައި ދެމީހުން ވެސް ޝާމިލުވާނެއެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!