ވިޔަފާރި

މި އަހަރު ރާއްޖޭގެ ރިޒާވް 600 މިލިޔަން ޑޮލަރަށް އިތުރުވާނެ: އެމްއެމްއޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްއެމްއޭ ހިންގާ އިމާރާތް / ފޮޓޯ: ދެން

ސަރުކާރާ ގުޅިގެން މިހާރު, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރަމުންދާ މަސައްކަތްތަކާއެކު މި އަހަރު ރާއްޖޭގެ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

Ads by MWSC

އެމްއެމްއޭއިން މިހެން ބުނެފައިވަނީ, ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ" އިން "ސީސީ" އަށް ދަށް ކުރުމާ ގުޅިގެން އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައެވެ.

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރެވެ.

މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަން ފާހަގަ ކުރާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ މި ގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ ފަސް މިލިއަން ޑޮލަރެވެ. މި އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައިކަން އެމްއެމްއޭއިން ފާހަގަ ކުރިއެވެ.

މީގެ މައިގަނޑު ސަބަބަކީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި، ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ރިޒާވްގައި ހުރިކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެ ބޭންކުން އަންދާޒާ ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!