ޚަބަރު

ސިނަމާލޭ ބްރިޖަކީ ދެ ގައުމުގެ ވިސްނުން އެއްގޮތްކަން އަންގައިދޭ މިސާލެއް: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސިނަމާލޭ ބްރިޖް މަތިން ނަގާފައިވާ ފޮޓޯއެއް.. ދެން އިމޭޖްސް

ސިނަމާލެ ބުރިޖު ރަމްޒުކޮށްދެނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުންކަމަށާއި، އެއީ ތަރައްޤީގައި ވެސް ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަށް 6 އަހަރު ފުރުމުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ކުރު މެސެޖެއްގައެވެ.

ބްރިޖު ހުޅުވިތާ 6 އަހަރު ފުރުން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބުރިޖަކީ އިންޖީނިއަރިންގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށާއި، ރަށްތައް ގުޅާލުމުގެ އިތުރުން މިއީ ދެ ޤައުމެއްގެ ގާތް ގުޅުމާއި ރަހުމަތްތެރިކަމުގެ ރަމްޒެއް ކަމަށެވެ.

ސިނަމާލެ ބްރިޖު ތަރައްޤީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އޭރުގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ އެއްބައިވަންތަކަމާއި ތަރައްޤީގައިވެސް ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއްކަމަށް ސިފަކުރައްވާފައެވެ. އަދި އަންނަ އޮތް ޖީލުތަކަށް ވެސް ސިނަމާލެ ބުރިޖަކީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ވަރުގަދަ ގުޅުން ދައްކާދޭނެ އަލި ގަދަ ރަމްޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިގުމިނުގައި 1.3 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ، ބްރިޖު ރަސްމީކޮށް ހުޅުވީ 2018 އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.

ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑްހާބަރ އިންޖިނިއަރިން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ބްރިޖު ހުޅުވާފައި ވަނީ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޙަށްވުރެ، 25 ދުވަސް ކުރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!