ފޯރިގަދަ ކުޑަކުދިންގެ ފެސްޓިވަލަކާ އެކު އުރީދޫގެ 19 ވަނަ އަހަރީ ދުވަހުގެ ނިމުން ފާހަގަކޮށްފި
މުޅި މަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ތަފާތު އެކި ހަރަކާތްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް ނިންމައިފި އެވެ.
ވަތަނިއްޔާގެ ނަމުގައި އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ފެށީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު އެވެ. ގަތަރަށް ނިސްބަތްވާ ކުންފުނީގެ ނަން ފަހުން ވަނީ އުރީދޫގެ ނަމަށް ބަދަލުކޮށްފަ އެވެ.
އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން ދެމުން އަންނަ 5ޖީ ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ވަނީ ފުޅާކޮށްފަ އެވެ. ހިދުމަތަށް ތިން އަހަރު ފުރުނުއިރު 22 ރަށަކާއި ފަސް ރިސޯޓަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަހަރީ ދުވަހާ ގުޅިގެން އުރީދޫން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އާ ހިދުމަތްތައް ތައާރަފުކޮށްފަ އެވެ. އެގޮތުން ކަސްޓަމަރުންނަށް އެތައް ރިވޯޑެއް ލިބޭ "ނުޖޫމް" އާއި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކުރި ޕެކޭޖުތަކާ އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަވި "ހެއްސަ" ފާހަގަކުރެވެ އެވެ.
އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި ހިދުމަތްތަކުގެ އިތުރުން އުރީދޫން ތަފާތު ހަރަކާތްތައް ވެސް ބޭއްވި އެވެ. ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސް ރޭހަށް މި އަހަރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އަހަރީ ދުވަހާ ގުޅިގެން މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން ތިން ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމިއިރު، ކ. ހިންމަފުއްޓާއި ގދ. ތިނަދޫގައި ރޭސް ވަނީ ބާއްވާފަ އެވެ. ޅ. ނައިފަރުގައި ވަރަށް އަވަހަށް ރޭސް ބާއްވާނެ އެވެ. ރަށްތަކުން ބޮޑު ތަރުހީބެއް ލިބުނު މުބާރާތުގައި ވާދަކޮށް ވަނަތައް ހޯދި ޓީމުތަކަށާއި މަސްވެރިންނަށް ފައިސާގެ އިނާމާއި އެވޯޑުތައް ދިނެވެ.
އަހަރީ ދުވަހުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އުރީދޫން ފޯރިގަދަ ކުޑަކުދިންގެ ފެސްޓިވަލެއް ވަނީ ބާއްވާފަ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގަައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި މި ފެސްޓިވަލުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ގިނަ ހަރަކާތްތައް ހިމެނުނެވެ. ފޯމް ޕާޓީއަކާއި ހާއްސަ ރޮބަޓްތަކާ އަދި ތަފާތު އެކި ގޭމްތަކާ އެކު ކުރިއަށްދިޔަ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އުރީދޫން ބުނެ އެވެ.
ހަވީރު ބޭއްވި ފެސްޓިވަލުގެ އިތުރުން "އުރީދޫ ގިގް ނައިޓް" ގެ ނަމުގައި ސެންޓްރަލް ޕާކުގައި ރޭ ހާއްސަ ޝޯއެއް ވެސް ބޭއްވި އެވެ. ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ދަ ފުލް ސާކަލްގެ ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދިޔަ އެވެ. ގިނަ އަދަދެއްގެ ޒުވާނުންނާއި އެކި އުމުރުފުރާތަކުގެ މީހުން މި ހަރަކާތުގައި ވެސް ބައިވެރިވެފައިވެ އެވެ.