ޚަބަރު އިޖުތިމާޢީ

ތަސްލީމް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، ގެއްލުނީ މޫދަށްކަން ކަށަވަރެއް ނޫން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ގެއްލިގެން ހޯދަމުންދާ ތަސްލީމް

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް އޭނާ ގެއްލުނީ މޫދަށްކަން ކަށަވަރު ނުވާކަމަށް އެމްއެންޑީއެފް އިން ދާދި ދެންމެ އެކު ބުނެފި އެވެ.

Ads by Sosun Fihaara

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ ތަސްލީމު ހޯދުމުގެ މަސައްކަތުން މިހާތަނަށް އެ ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ބަލާފައިވާ ކަމަށްވެސް ސިފައިން ބުންޏެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރައްވަނީ ދިވެހި ފުލުހުންގެ ހިދުމަތުން - އެމްއެންޑީއެފް މީޑިއާ އޮފިޝަލް

ފުލުހުން "އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ ތަސްލީމު އެންމެ ފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި/ ހުކުރު) ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދާ ތަސްލީމު އަކީ އެ ކައުންސިލުގެ މުވައްޒަފެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!