ރޯވި އަލިފާންގަނޑު ނިއްވާލައިފި, ދުމުގެ އަސަރުކޮށް ދެ މީހަކަށް ފަރުވާ ދީފި
މިއަދު މެންދުރުފަހު މާލޭގައި ހުރި އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.
އަލިފާން ރޯވީ ހ. ދޫހިމެނރިގޭގަ އެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އެ އިމާރާތުގެ ތިރީ ފަންގިފިލާގައި ހިންގަމުން ދިޔައީ ކެފޭ އެކެވެ. ފުރަތަމަ އަލިފާން ރޯވިކަަމަށް ބެލެވެނީ ދެވަނަ ފަންގިފިލާގައި ހުރި ބަދިގޭގަ އެވެ.
ރޯވިތާ ގަޑިއެއްހާއިރުގެ ތެރޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ. ނިއްވައިލިއިރު އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. ދެވަނަ ފަންގިފިލާ ހަދާފައިވަނީ ޓިނުން ކަމުން އެތަނުގައި ހުރި ބައެއް ޓިނުތައް ވަނީ ބުރުއްސައިގެން ގޮސްފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް ދުމުގެ ސަބަބުން ބިދޭސީ ފިރިހެނަކަށާއި އަންހެނަކަށް ނޭވާ ލާން އުނދަގޫވެގެން އައިޖީއެމްއެޗަށް ފަރުވާ ދޭން ގެންދިޔަ އެވެ.
މީގެ އިތުރުން ލިބިދާނެ ގެއްލުމަކަށް ރޯވި އިމާރާތާއި ކައިރީގައި ދިރިއުޅޭ ރައްޔިތުން ވަގުތީ ގޮތުން ސަލާމަތީ ހިސާބުތަކަށް ބަދަލު ކުރި އެވެ. އަލިފާންގަނޑު މުޅިން ނިއްވާލައި އެމީހުން ގެތަކަށް ވަންނަން ހުއްދަ ދީފައި ވެއެވެ.