ދަތި ހާލަތްތަކުގައި އަތުންފައިން ގޯސް ނަހަދާ ކެތްތެރިވާން ހުތުބާގައި ގޮވާލައިފި
ދަތި އުނދަގޫ ހާލަތެއް މެދުވެރިވުމުން ނަމާދު ކުރުމާ އަދި އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހި، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސް ހަދާތަން ފެންނަ ކަމަށާއި އެހެން އެކަން ނުކޮށް ދިމާވާ ހާލަތްތަކަށް ކެތްތެރިވެއްޖެ ނަމަ ކާމިޔާބުގެ މަތިވެރިކަން ލިބޭނެ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
ރަސޫލު ބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ދުނިޔޭގެ ހަޔާތުގައި އިންސާނާ ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި އުފަލާއި ހިތާމަ އާއި މުއްސަނދިކަމާއި ފަގީރުކަމާ ކުރިމަތިލާން ޖެހުމަކީالله ގެ ސުންނަތް ކަމަށެވެ.
މާތްالله އަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ، މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްހަމަ ޖެހުމާއި ދުއާ ކުރުމާ އެކު ކަމަށެވެ.
އެ ކަންކަން އެ ގޮތުގައި ހިނގަމުން ދަނީ الله ގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތިން ކަމާއި އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެ ކަމަށް އެކަލާނގެ ވައުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަގީން ކުރާތީ ކަމަށް ހުތުބާ ގައި ބުންޏެވެ.
އެންމެ ބޮޑަށް މުސީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ކޮން ބަޔަކަށްތޯ ސުވާލުކުރެއްވުމުން ރަސޫލާ ހަދީސް ކުރެއްވި އެވެ. "ނަބީބޭކަލުންނާ އެވެ. ދެން (އީމާންކަމުގެ ގޮތުން) އެއާ ޖެހުނު މީހުންނެވެ. ދެން އެއާ ޖެހުނު މީހުންނެވެ. ފަހެ، އިންސާނާ އިމްތިހާނު ކުރެއްވެނީ އޭނާގެ ދީންވެރިކަމުގެ ނިސްބަތުންނެވެ،"
އައްޔޫބުގެފާނަށް ކުރެއްވި އިމްތިހާނަށް އަލިއަޅުވާލައި ހުކުރު ހުތުބާގައި ވަނީ الله ގެ އިމްތިހާނަށް ކެތްތެރިވުމުގެ ސަބަބުން އެ ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ހާލުން އެކަލޭގެފާނު ސަލާމަތްކޮށްދެއްވީ ކޮންފަދައަކުންކަން އަހަރެމެން ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި ސާބިތުކަމުގެ ސަބަބުން الله އައްޔޫބުގެފާނަށް ތައުރީފުގެ ބަސް ވަހީކުރައްވާފައިވެ އެވެ.
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އެއް ފިލާވަޅަކީ މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުއާ ކުރުމާއި ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިންމުކަން ކަމުގަ އެވެ. ޝިފާލިބުމާއި ކާމިޔާބުލިބުން ވަނީ ﷲ ގެ ހަޒުރަތުން ކަމާއި ކެތްތެރިވެ، ސާބިތުކަމާ އެކު ދެމިހުރެއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަން ކަމުގަ އެވެ.
"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދު ކުރުމާ އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލައި، އެ ކަންކަމާ ދުރަށް ދާތަން ފެނުމަކީ ހިތާމަ ކުރާން ޖެހޭ ކަމެކެވެ. އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރި ނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސް ހަދާ ތަން ފެންނަނީ މަދެއް ކޮށެއް ނޫނެވެ،"
އައްޔޫބުގެފާނުގެ ހަޔާތުން ލިބިދޭ އަނެއް ފިލާވަޅަކީ އަހަރެމެން الله އަށް އީމާންވެގެން ތިބި ނަމަވެސް މި ދުނިޔޭގެ ހަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިހާނު ކުރައްވާނެކަން ކަމުގައިވެސަ ހުތުބާގައި ބުންޏެވެ.
އޭގެ އިތުރުން އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ގުރްބާނީގެ ފިލާވަޅު ކަމުގަ އެވެ.
އައްޔޫބުގެފާނުގެ ދޫކޮށް އެންމެން ދިޔަހިނދު ވެސް އެކަމަނާ އެ ފަގީރު ދަތި އުނދަގޫ ހާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވި އެވެ. މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅުއަރުވަމުން، އެކަލޭގެފާނުގެ ހިދުމަތުގައި އެކަމަނާ ހުންނެވި އެވެ.
ހުތުބާގައި ބުނެފައި ވަނީ ކީރިތި ގުރްއާނުގައި މިފަދަ އިބުރަތްތެރި ވާހަކަތައް މާތް الله ބަޔާން ކޮށްދެއްވާފައި ވަނީ އެފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ، އަހަރެމެންގެ އުޅުމާއި ގުޅުން އިސްލާހު ކުރުމަށް ކަމަށެވެ.