ޚަބަރު ސަރުކާރު

ފެނަކައިގެ ޗެއާމަނަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެސްޓީއޯގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޝިމާދު / ފޮޓޯ:އެސްޓީއޯ

ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަން ކަމަށް ސްޓޭޓް ޓްރޭޑިން އޯގައިނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އައްޔަންކުރައްވައިފި އެވެ.

Ads by Sosun Fihaara

ޝިމާދު މިހާރު ހުންނެވީީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މިދިޔަ މަހުގެ ފަހުކޮޅު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ގޮތުގައި ފެނަކަ ވަނީ ހަމަޖައްސާފަ އެވެ. ދަރަނި ބޮޑުވުމުގެ ސަބަބުންނާއި ކުރީގެ މެނޭޖުމަންޓުތަކުގައި އެތެރޭގެ ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިވެފައިވާ ފެނަކަ އެސްޓީއޯގެ ދަށަށް ގެންދަން ނިންމީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެ ބަދަލާ ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައި ވަނީ ކެބިނެޓުން އެ ގޮތަށް ފާސްކުރީ ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތައް ވަރުގަދަ ކުރުމަށާއި ކުންފުނި ދެން ހިންގޭ ގޮތް ހޯދުމަށް ފިނޭންސް މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި މަރުހަލާ ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އިތުރުން އެސްޓީއޯގެ ވެރިންގެ ކޮމިޓީއެއް އުފައްދައި، މައުލޫމާތު ހިއްސާކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފަ އެވެ. އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

ޗެއާމަން ކަމަށް ހަމަޖެއްސެވުމުން ފެނަކައިން ވަނީ ޝިމާދަށް މަރުހަބާ ކިޔައި މިއަދު "އެކްސް" ގައި ޕޯސްޓެއް ކޮށްފަ އެވެ. އޭނާގެ ލީޑަޝިޕްގެ ދަށުން އިތުރު ކުރިއެރުމާއި ކާމިޔާބީ ހޯދޭނެ ކަމަށް ބުނެފައިވެ އެވެ.

ޝިމާދުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް އަހުމަދު މާޒިނާއި މުހައްމަދު ނިޒާމް އައްޔަންކުރައްވާފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފަ އެވެ. އެ ދެ ބޭފުޅުން ފެނަކައިގެ ބޯޑަށް އައްޔަންކުރައްވާފައި ވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގަ އެވެ.

މާޒިންއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. ނިޒާމަކީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. އޭނާއަކީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!