ޚަބަރު

ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ ނައިބަކަށް މަލްޝާ ވާދަކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ނައިބަކަށް މަލްޝާ ޝަރީފް ވާދަކުރައްވަން ނިންމައިފި އެވެ.

Ads by STELCO

ކޮންގްރެސް ޕާޓީ އެތެރޭގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ސްޓިއަރިން ކޮމިޓީތަކަށް މެމްބަރުންނާއި ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ. އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސާއިން އިންތިހާބު ކުރެވޭނެ އެވެ. އިންތިހާބުގައި މި މަގާމުތަކަށް 2،095 މެމްބަރުން އިންތިހާބު ކުރާނެ އެވެ.

އިންތިހާބުގައި ރައްޔިތުންގެ މަޖިލިހުގެ ކޮންމެ ދާއިރާއަކަށް ނިސްބަތްވާ ދާއިރާ ރައީސަކާ އަދި ނައިބު ރައީސެއް ހޮވާނެ އެވެ. މަޖިލިހުގެ މެމްބަރުންގެ ގޮތުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަށް ވާނީ މެމްބަރުންނެވެ. އެ ދާއިރާތަކަށް ހޮވާނީ ނައިބު ރައީސުންނެވެ. އަދި އެ ނޫން ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ.

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަން ނިންމާ "އެކްސް" ގައި ކުރި ޕޯސްޓެއްގައި މަލްޝާ ވިދާޅުވީ ހުޅުމާލެ އުތުރު ދާއިރާގެ މީހުންނާއި ދަފުތަރު މީހުންގެ ހައްގުގައި އޭނާ އަޑުއުފުލާނެ ކަމަށެވެ.

މަލްޝާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުުގެ އަރިހުގައި އޭރު މޭޔަރު ކަމުގައި ހުންނެވިއިރު, ސިޓީ ކައުންސިލުގައި މަސައްކަތް ކުރައްވާފަ އެވެ. މަލްޝާ ފާހަގަވެގެން ގޮސްފައި ވަނީ ރައީސް އާ ވަރަށް އަރިސް, ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަނބަލެއްގެ ގޮތުގަ އެވެ. އޭގެފަހުން ރިޔާސީ އިންތިހާބުގައި ވެސް މަލްޝާ ވަނީ ޕީޕީއެމްއަށް ކެމްޕެއިން ކުރުމުގައި އިސް ސަފުގައި މަސައްކަތް ކުރައްވާފަ އެވެ.

މަލްޝާ ވަނީ ޔޫތު މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވާފަ އެވެ. އޭނާއަކީ މިހާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެސިސްޓެންޓް ޑިރެކްޓަރެކެވެ.

އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ކޮންގްރެސް ޕާޓީން ހުޅުވާލީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް އޮންނާނެ އެވެ. އެ ވަގުތާ ހަމައަށް ޕާޓީގައި ދަފުތަރު ކުރެވޭ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. އަދި އެ ވަގުތާ ހަމައަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.

  • އިންތިހާބުގެ ވޯޓާސް ލިސްޓް އާންމުކުރާނީ އޮކްޓޫބަރު 4 ވަނަ ދުވަހު
  • ޝަކުވާ ހުށަހަޅަން ހުޅުވާލާނީ އޮކްޓޫބަރު 8 ވަނަ ދުވަހާ ހަމައަށް، އެ ދުވަހު ފައިނަލް ލިސްޓް އާންމުކުރާނެ
  • ވޯޓު ނެގުން ކުރިއަށް ދާނީ އޮކްޓޫބަރު 19 ވަނަ ދުވަހު
  • ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު 24 ދުވަހު

Ads by Allied Insurance