ޚަބަރު އިޖުތިމާޢީ

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ މީހުން ޑީޕޯޓުކޮށްލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް ބިދޭސީ މީހަކާއި ފައިސާތައް / ފޮޓޯ:އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓުކޮށްލައިފި އެވެ.

Ads by STELCO

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ރެއިޑެއްގައި މި ފަސް މީހުން އަތުލައިގަނެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ފެނުނު ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އެހެންނަމަވެސް މީހުން ނިސްބަތްވާ ގައުމެއް ހާމަކޮށްފައެއް ނުވެ އެވެ.

އިމިގްރޭޝަނުން މިއަދު "ދެން" އަށް ބުނީ މައްސަލައިގައި ހިމެނޭ ފަސް މީހުންގެ ތެރެއިން ދެ މީހަކު ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އަނެއް ތިން މީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މީހުން އަތުލައިގެންފައި ވަނީ ޓާސްކްފޯހަށް ލިބުނު މައުލޫމާތެއްގެ އަލީގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ ރެއިޑެއްގަ އެވެ.

"ދެން" އަށް ފުލުހުން މައުލޫމާތު ދިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރެވިފައި ވަނީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހުން ހޯދުމަށް ހިންގުނު އޮޕަރޭޝަނެއްގެ ތެރެއިން ކަމުގަ އެވެ.

އެހެންކަމުން އެ މީހުން ހަވާލުކޮށްފައި ވަނީ އިމިގްރޭޝަނާ ކަމުގަ އެވެ. އަދި އެ ކަމުގައި އަމަލު ކުރެވެނީ އެގޮތަށް އަތުލައިގަނެވޭ މީހުންނާ މެދު އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމުގަ އެވެ.

Ads by Allied Insurance