5 ފޫޓަށްވުރެ ކުރުނޫން މީހުނަށް ފުލުސް ވަޒީފާ ހުޅުވާލައިފި
ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން މިއަދު ހާމަކުރިގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް 10 ގެ ފެންވަރު ހުންނަ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް އެކޯހުން ފާސްވެފައިވާ ފަރާތަކަށް ވާންޖެހެއެވެ.
ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމާއި އިސްކޮޅު، ފިރިހެނެއްނަމަ 5 ފޫޓް 1 އިންޗި، އަންހެނެއްނަމަ 4 ފޫޓް 8 އިންޗިއަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި އަންހެން ކެންޑިޑޭޓުންނަށާއި މިލަދުންމަޑުލު ދެކުނުބުރި ނޫނީ މާޅޮސްމަޑުލު އުތުރުބުރީގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސްއާ ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަންއާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.