ޑިޖިޓަލް އިގްތިސޯދަކަށް މިސްރާބު ޖަހާއިރު އިންޑިއާގެ ދައުރު މުހިއްމު: ރައީސް
ރާއްޖޭގެ އަމާޒު ޑިޖިޓަލް އިގްތިސޯދާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު އެކަމުގައި އިންޑިއާގެ ދައުރު މުހިއްމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މަަސަައްކަތުގެ ސަބަބުން ކުރިއެރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް ގަބޫލްކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް އިންގިލާބަށް ރާއްޖެ ތައްޔާރުވަމުންދާއިރު އެ ދަތުރުގައި ޓެކްނޮލޮޖީއާއި އާ އީޖާދުތަކުގެ ރޮނގުން ދުނިޔޭގެ ކުރީ ސަފުގައި ހިމެނޭ އިންޑިއާގެ ބައިވެރިވުން ހިމެނޭތީ އުފާކުރައްވާ ކަމަށެވެ.
މީގެ ހަފްތާތަކެއްގެ ކުރިން އދ ގައި ދެއްކެވި ވާހަކަތައް ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ އުފެދުންތެރިކަން އިތުރުކުމާއި ޑިޖިޓަލް ގުޅުން ހަރުދަނާކުރުމަކީ ވާސިލުވާން ބޭނުންވާ އަމާޒު ކަމަށެވެ. އަދި 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގްތިސޯދުންކަމުގައި ހެއްދެވުމަށްޓަކައި ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށްޓަކައި އިގްތިސޯދުގެ ތެރެއިން ފައިސާ ދެއްކުމުގެ އާ ނިޒާމުތައް ތައާރަފްކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އިއްޔެ ތައާރަފްކުރި ރުޕޭ ކާޑުގެ ހިދުމަތާ ގުޅިގެން ރައީސް ވިދާޅުވީ "ރުޕޭ" ކާޑު ބޭނުންކުރެވެން ފެށުމާއެކު އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަ ވެގެންދާނެ ކަމަށެވެ.
އިންޑިއާ ރައީސް, ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ދަތުރުފުޅު ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ އެ ދަތުރުފުޅުގައި މިހާތަނަށް އިންޑިއާގެ މަތީ ފަންތީގެ ގިނަ ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.