ފޯނެއް ވަގަށް ނެގި މީހަކު 9 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި
ފިހާރައެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު 9 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ކަނދުމާގެއާގެ, ކ.މާލެ, ސަމާހް އަލީގެ މައްޗަށެވެ.
ޖޫން 2022, 7 އިރުއޮއްސި 6:20 ހާއިރު އަމީނީމަގުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ސަމާހް ފެނުނީ ރެހެންދި ފްލެޓް ކައިރިންނެވެ. އެވަގުތު ސަމާހް ބިރުގަނެ, ފިލަން މަސައްކަތްކުރުމުން ގާނޫނާ ހިލާފު އަމަލެއް ކޮށްގެން އުޅޭކަމަށް ފުލުހުންނަށް ތުހުމަތުކުރެވިގެން ހަށިގަނޑު ބަލާ ފާސްކުރިއިރު ގާކޮށި މާޓްގެ ސެމްސަން ބްރޭންޑްގެ އެސް10 ފޯނު އޭނާގެ އަތުން ފެނިފައިވާތީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލި އެވެ.
އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެ ސަމާހް ދައުވާއަށް އިންކާރުކުރި އެވެ.
ދައުވާ ސާބިތުކުުރުމަށް ދައުލަތުން 5 ހެއްކެއް ހުށަހެޅިއިރު އޭގެ ތެރޭގައި އެ ފިހާރައިގެ މުވައްޒަފުންނާއި ފުލުހުންގެ އިތުރުން ޑްރީމްސް މޯބައިލްގެ ޓެކްސް އިންވޮއިސް ހިމެނެ އެވެ. އެހެންނަމަވެސް ދިފާއުން ހެއްކެއް ހުށަހެއް ނާޅަ އެވެ.
ހެކިބަސް ދެމުން ފިހާރާގެ މުވައްޒަފު ބުނީ ސަމާހް އެ ފިހާރައަށް ވަނީ ސްޕާރީ ގަންނަން ކަމަށާއި ސްޕާރީ ގަނެގެން ނިކުމެގެން ދިޔައީ ކައުންޓަރުގައި އޮތް ފޯނު ހިފައިން ކަމަށެވެ.
ހެކިބަސް ދެމުން ފުލުހުންގެ އޮފިސަރު ބުނީ ސަމާހްގެ އަތުން ފެނުނު ފޯނަށް މީހަކު ގުޅާތީ ފުލުހުންގެ އެދުމުގެ މަތިން އެ ކޯލު ނަގާ ސްޕީކަރަށްލީއިރު އެއީ ފިހާރައަށް ގުޅި ކަސްޓަމަރެއް ކަމަށެވެ. އަދި އެ ފިހާރައަކީ ގާކޮށި ފްލެޓްގައި އިންނަ ފިހާރައެއް ކަން އެނގުމުން ސަމާހް ގޮވައިގެން އެ ފިހާރައަށް ދިޔައިރު އެ ފޯނު ގެއްލިގެން އުޅޭ ކަމަށް ފުލުހުންގެ އޮފިސަރު ބުނެފައިވެ އެވެ.
ހުކުމުގައި ބުނެފައިވަނީ އެ ފޯނަކީ 7000 ރުފިޔާގެ ފޯނެއްކަން އިންވޮއިސްއިން އެނގޭ ކަމަށެވެ.
އެ ކުށުގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ކަނޑައެޅުމުން އެ އަދަބު ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދޭން ސަމާހް އެދުނެވެ. އެހެންނަމަވެސް އެ އަދަބަށް ބަދަލު ނުގެނެސް ގާޒީ އިބްރާހިމް ޒިހުނީ ހުކުމްކުރި އެވެ.
އެ މައްސަލާގެ ބަންދުގައި 16 ދުވަސް ހޭދަކޮށްފައިވާތީ ސަމާހް ތަންފީޒުކުރަން ޖެހޭ އަދަބަކީ 9 މަހާއި 2 ދުވަސް ކަމަށް ކޯޓު އަމުރުން އެނގެ އެވެ.