އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ބަދަލުކުރަން ހުށަހަޅައިފި
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު, އިބްރާހިމް ޝިހާބު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީ އިދާރީ މޭޒުން ހުށަހަޅާފައިވެ އެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޝިހާބުގެ ބަދަލުގައި އެ މަގާމަށް ހަމަޖައްސުމަށްޓަކައި މަޖިލީހުގެ މަޝްވަރާ ހޯދަން ހުށަހަޅުއްވާފައިވަނީ އާއިޝަތު އަޒީމާގެ ނަމެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
މިދިޔަ ސަރުކާރުގެ ޗައިނާގެ ސަފީރުކަން ކުރައްވާފައިވާ އަޒީމާ މީގެ ކުރިން ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ފަސްޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި ފޮރިން މިނިސްޓަރީއާއި ފިނޭންސް މިނިސްޓްރީގައި ވެސް އަޒީމާ މަސައްކަތްކުރައްވާފައިވެ އެވެ.