ޚަބަރު

ރައީސް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަށް ދެ މިލިއަން

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައީސް އެމެރިކާ އަށް ވަޑައިގެންނެވީ އދ ގައި ތަގުރީރު ކުރެއްވުމަށް/ ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހަރަދުކުރީ 2 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

ރައީސް، އެމެރިކާ އަށް ދަތުރުފުޅު ކުރެއްވީ މިދިޔަ މަހުގެ 20 އިން 29 އަށެވެ. އެއީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ޝެޝަންގެ "ހައި ލެވެލް ވީކް" ގައި ތަގްރީރު ކުރެއްވުމަށެވެ.

ރައީސް އޮފީހުން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެ ދަތުރުފުޅަށް ދައުލަތުން ޖުމްލަ 2,455,583.01ރ ހަރަދުކޮށްފައިވެ އެވެ. އޭގެ އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.

ރައީސް އޮފީހުން ބުނީ ނިމިދިޔަ ރިޔާސީ ދައުރުގައި އދގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑަގަތުމަށްޓަކައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާފައިވަނީ ދެ ފަހަރު ކަމަށެވެ. އެއީ 2019 އާއި 2021 ގަ އެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 އިން 30 އަށް ސޯލިހު ކުރެއްވި ދަތުރުފުޅަށް ދައުލަތުން 4,171,832.42ރ ހަރަދުކޮށްފައިވާ ރައީސް އޮފީހުން ބުނެ އެވެ.

އަދި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 އިން 29 އަށް  ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން 5,349,505.88ރ ހޭދަކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ދެ ދަތުރުފުޅާ އަޅާބަލާއިރު މި ފަހުން ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ހަރަދު ވަރަށް ބޮޑު ތަނުން ކުޑަކުރެވެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!