ވެމްކޯއިން އިލެކްޓްރޯނިކް ކުނި ހިލޭ އުކާލަދެނީ

އިލެކްޓްރޯނިކް ކުނި ހިލޭ އުކާލަ ދިނުމުގެ ފުރުސަތު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހުޅުވާލައިފި އެވެ.
އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އީވެސްޓް ނުވަތަ އިލެކްޓްރޯނިކް ކުނީގެ ދުވަހުގެ މުނާސަބަތުގަ އެވެ.
ވެމްކޯއިން ބުނީ އެ ހިދުމަތް ހޯދުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލެގައި ހުރި ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބާވެފައިވާ އިލެކްޓްރޯނިކް ތަކެތި ރަނގަޅު ގޮތުގައި ނައްތަލާވެނޭ ކަމަށް ވެމްކޯއިން ބުންޏެވެ.
ވޭސްޓް ފްރޮމް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިކުއިޕްމަންޓް (ޑަބްލިޔުއީއީ) އިން ބައިނަލްއަގްވާމީ ގޮތުން މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި އެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އީ-ވޭސްޓް ރިސައިކަލް ކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމެވެ.