މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރަން, އެކަން ކުރާނަން: އިހުސާން
މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރަން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ އެޓާނީ ޖެނެރަލްއާއެކު ރާއްޖޭގެ ހިއުމަން ރައިޓް ރިވިއުގައި ބައިވެރިވި ކަމަށެވެ. އަދި އެ ރިވިއުގައި ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި އިސްލާމް ދީނުގައި އޮންނަ ގޮތަށް ހުކުމްތައް ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ބަލަން ޖެހޭ މިންގަނޑުތަކެއް އެބަހުރި ކަމަށެވެ.
"އޭގެ ތެރޭގައި މީހާ ކޯޓުން ގޮސް އެ އޮންނަ ހުރިހާ މަރުހަލާއެއް ނިމި. އެ މީހާއަށް އެ ދެވޭ އަދަބަކީ އިއާދަނުކުރެވޭ އަދަބެއް ކަމަށްވާތީވެ އެހުރިހާ މިންގަނޑަކުން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާ ނިމި"
އިހުސާން ވިދާޅުވީ ތަންފީޒީ މަރުހަލާއަށް ހަދަން ޖެހޭ އުސޫލުތަކާއި ގަވާއިދޔތަކާއި ތަން ތައްޔާރުކުރުމާއި މީހުން ތަމްރީންކުރުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ އަޅުގަނޑުމެން މިހާރު ހަމަ އިއުލާނު ކުރައްވާފައިވާ ގޮތަށް އެކަން ކުރާނަން ދިވެހި ރާއްޖޭގައި"
އިހުސާން ވިދާޅުވީ ޓާކެޓަކީ ވަކި މިދައުރު ނޫން ކަމަށާއި މަސައްކަތްތައް ނިމޭހާ އަވަހަކަށް އެކަން ކުރާނެ ކަމަށެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އިހުސާން އިއުލާންކުރެއްވީ މިދިޔަ ޑިސެންބަރު މަހު އެވެ. އެކަމާ ގުޅިގެން އެކަން ނުކުރުމަށް ހިއުމަން ރައިޓްސް ވޮޗްއިން ވެސް ގޮވާލި އެވެ.