މިއަދުން ފެށިގެން ސިނގިރެޓާއި ވޭޕްގެ ޑިއުޓީ ބޮޑުވާނެ
ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށް ވޭޕް މަނާ ކުރުމާ ހަމައަށް އޭގެން ނަގާ ޑިއުޓީ ބޮޑު ކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި 19 ވަނަ އިސްލާހުގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރެޓް އަދި މިފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކާ އަދި އެ އެއްޗެހީގެ ބައިބައި ގާނޫނުގައި ބަޔާންކުރުން ހިމެނެ އެވެ.
އަދި ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރު 24 ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތަކަށް އައި ބަދަލުތައް ތަފުސީލީ ގޮތެއްގައި ވަނީ ބަޔާންކޮށްފަ އެވެ.
ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތީގެ ޑިއުޓީ މިންވަރު 200 އިންސައްތައަށް ބޮޑުކުރުން ހިމެނެ އެވެ. އެގޮތުން؛
- ސިނގިރެޓް؛ ޑިއުޓީ މިންވަރު 50 އިންސައްތަ އަދި ސިނގިރެޓަކުން 8 ރުފިޔާ
- ބިޑި؛ ޑިއުޓީ މިންވަރު 50 އިންސައްތަ އަދި ބިޑިއަކުން 8 ރުފިޔާ
- އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވަ އާއި ކެމިކަލް؛ 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ
- ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް؛ ޑިއުޓީ މިންވަރު 50 އިންސައްތަ އަދި ސްޓިކަކުން 8 ރުފިޔާ
މީގެ އިތުރުން ހަތް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރު 85 ގެ (ޒ) އަށް ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި މިފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރަކީ 200 އިންސައްތަ ކަމުގައި ބަޔާންކޮށްފައިވެ އެވެ. މި އިސްލާހުތަކުގެ އިތުރުން ވެސް މުހިންމު އިސްލާހުތައް މި ގާނޫނަށް ވަނީ ގެނެސްފަ އެވެ.
ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ނުވަތަ އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ އެކު، މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
ރައީސް ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެެތެރެކުރުން މަނާކޮށް، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރަން ނިންމަވާފަ އެވެ.
ވޭޕް މަނާ ކުރުމަށާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރި މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، އެ ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.