ފަތުރުވެރިންނަށް ރާއްޖެ އެތެރެ ކުރެވޭނީ 200 ސިނގިރޭޓު
ރާއްޖެއިން ބޭރުން އަންނަ 18 އަހަރު ފުރިފައިވާ ފަތުރުވެރިންނަށް ދުންފަތުގެ ބާވަތްތަައް ރާއްޖެ އެތެރެ ކުރެވޭނީ ގިނަ ވެގެން 200 ސިނގިރޭޓު ކަމަށް ކަނޑައަޅައި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދަށް ހަތަރުވަނަ އިސްލާހު ގެނެސްފި އެވެ.
އާ ގަވާއިދުގެ ދަށުން ފަތުރުވެރިންނަށް ރާއްޖެ އެތެރެކުރެވޭނީ 200 ސިނގިރޭޓުގެ އިތުރުން ގިނަ ވެގެން 25 ސުއްޓާ އަދި 250 ގްރާމަށް ވުރެ ގިނަ ނުވާ އަދަދަކަށް ދުންފަތުގެ ބާވަތްތަކެވެ.
ދުންފަތުގެ ބާވަތްތަކުގެ އަދަދު އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ ގިނަވާނަމަ، އެބައި ކަސްޓަމްސްއިން ހިފަހައްޓާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އަދި އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށާއި، އަނބުރާ ގެންދަން ޖެހޭ މުއްދަތުގައި ނުގެންގޮސްފިނަމަ، އެ ތަކެތި ނައްތާލެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން ހެލްތް މިނިސްޓްރީގެ މިންގަނޑުތަކާއި ހިލާފަ އެއްވެސް ދުންފަތުގެ ބާވަތެއް ރާއްޖެ އެތެރެކުރާނަމަ، އެ ތަކެތި ވެސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.