ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް މުހިއްމު އިސްލާހުތަކެއް: ރައީސް
އެއް ދުވަހުން ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަަކަކީ ރައްޔިތުންނަށް ވަރަށް މުހިއްމު އިސްލާހުތަކެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް 5 ކަމެއް އިސްލާހު ކުރަން ހުށަހެޅި ބިލު އިއްޔެއިން އިއްޔެއަށް ވަނީ ފާސްކޮށްފަ އެވެ. ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ހުށަހެޅުއްވި ބިލުގައިވާ އިސްލާހުތައް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
އެ ބިލު ތަސްދީގު ކުރެއްވުމަށް ފަހު ވީީޑިއޯ މެދުވެރިކުރައްވާ ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ސިފަކުރެއްވި ގޮތުގައި ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކަކީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެ އިސްލާހުތަކެއް ގޮތުގަ އެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް ދިވެހި ގައުމަށް ވަރަށް މުހިއްމު އިސްލާހުތަކެއް،" ރައީސް އޮފީހުން ރޭ ހިއްސާކުރި ވީޑިއޯގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެންމެ މުހިއްމު އެއް އިސްލާހަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އާ ހަމައަށް ކަނޑައެޅޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނު އަސާސީގައި ލިޔަން ފާސްކުރުމެވެ. އެކަން ކުރެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބިގެންނެވެ.
"...ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެނައުމުގައި މީގެ ކުރީގައި އޮންނާނީ ތިންބައި ކުޅަ ދެބައި ވޯޓު ނަގަން. އެ އިތުރަށް ވަރުގަދަކޮށް ހަތަރު ބައިކުޅަ ދެބައި ފާސްކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފައި. އަދި ސަރަހައްދަކީ ވެސް ކުރީގައި އޮންނަނީ ރާއްޖޭގެ ބޭރު ކަނޑާ ހަމަޔަށް،" ރައީސް ވިދާޅުވި އެވެ.
މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން ނުވަތަ އެ ޕާޓީން ވަކިވުމުން މެންބަރުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.
މެންބަރުންގެ ގޮނޑި ގެއްލުން
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އިތުރުކުރަން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުން, ވަކިކުރުމުން, އެހެން ސިޔާސީ ޕާޓީގެ މެންބަރަކަށްވުމުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ގުޅިއްޖެނަމަ ގޮނޑި ގެއްލޭނެ އެވެ.
މަޖިލީހުގެ ރުހުމާ އެކު ސިފައިން ތިބުން
އެ ބިލުގެ 4 ވަނަ އިސްލާހަކީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެ އިސްލާހުގައި ބުނެފައިވަނީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި, މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބާރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެންނުވާނެ ކަމަށެވެ.
ކަނޑުން ސަރަހައްދެއް ދޫކޮށްލެވޭނީ މަޖިލީހުން ފާސްކޮށްގެން
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ހެދުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަަމަށް ގާނޫނު އަސާސީގައި ލިޔަން ހުށަހަޅާފައިވެ އެވެ.
އެ މާއްދާއަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުގެ ބަދަލުގައި ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތަށް ބަދަލު ކުރުމަށެވެ. މުޅި މަޖިލިސް ކޮމިޓީން އެ ބިލު ފާސްކޮށްފައިވަނީ އެ އިސްލާހާ އެކުގަ އެވެ.
ގައުމީ ތަރަައްގީގެ ޕްލޭން ރައީސަށް
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި (ބ) ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އެންގުމާއި އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމެވެ.
ޝާޑު ހުށަހެޅުއްވި ބިލުގައި އިތުރަށް ލިޔެފައިވަނީ (ކުރު ރާސްތާއަށާއި، މެދު ރާސްތައަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުން) އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހުކުރެވޭނީ ރައްޔިތުންގެ ހިޔާލުން
ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރިޔާސީ އަދި މަޖިލިސް މެންބަރުންގެ ދައުރު ހިމެނޭ ގާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ބުނާ މާއްދާ އިސްލާހުކުރަން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އެ ބިލުގައި ހުށަހަޅާފައިވެ އެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާއަށް ރާއްޖޭގެ ސަރަހައްދު ކަނޑައެޅުން ވެސް ހިމަނައިގެންނެވެ.