ރައީސުލްޖުމްހޫރިއްޔާއަށް އޭސީސީ އާއި އީސީގެ ރައީސް އާއި ނައިބު އައްޔަނުކުރެވޭ ބިލު ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާއަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބު ރައީސް އައްޔަނުކުރެވޭ ގޮތަށް ދެ ގާނޫނަކަށް ހުށަހަޅާ އިސްލާހުގެ ބިލުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ.
އޭސީސީ އާއި އީސީގެ ގާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އެ ދެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރެކެވެ.
އެ ދެ ބިލު ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު އެވެ. ބިލު ފާސްކޮށްފައިވަނީ ބިލު ހުށަހެޅި ގޮތަށެވެ.
އެއީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަނުކުރާ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަނުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުމަަށް ޓަކައި ގެންނަ އިސްލާހުތަކެއް ކަމަށް ދެ ބިލުގައި ވެސް ބުނެފައިވެ އެވެ.
ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ދަށުން އެ ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްއަށް އައްޔަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރުމަށްފަހު އެވެ.
މިހާރު ގާނޫނުގައިވާ ގޮތުން ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ހޮވަނީ ދެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.