ޚަބަރު ސަރުކާރު

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް/ ފޮޓޯ: ދެން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިއަދު ބުނީ، އީސީއަށް ދެ މެމްބަރުން އައްޔަންކުރުމަށްޓަކައި، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އީސީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ، މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ 08:30 އިން 12:00 ރައީސް އޮފީހުން ކަމަށެވެ.

މެމްބަރުކަމަށް ހުށަހެޅުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.

އީސީ އަށް ދެ މެންބަރަކު ހޯދަން އިއުލާނުކޮށްފައިވަނީ، އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ނިމިފައި ވަނިކޮށެވެ.

އަދި ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަނުގެ މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައި، މިދިޔަ ހޯމަ ދުވަހު އެ ދެ މެމްބަރުން ވަކިކޮށްފައިވެސް ވަނިކޮށެވެ.

ނަޝާތާއި އާސިފާ އެކު ކޮމިޝަނުގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހެޅި އެވެ. އެހެންނަމަވެސް މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ އިއްތިފާގުން ނިންމީ ޒާހިރު މަގާމުން ވަކިނުކޮށް ބެހެއްޓުމަށެވެ.

ކޮމިޓީން ދިރާސާކޮށް ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެ ތިން މެންބަރުން ގުޅުން އޮންނަ ކުންފުންޏަކުން އީސީއަށް ބޭނުންވާ ބައެއް ސާމާނު ހޯދުމާއި، މިދިޔަ ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް ތިން މެންބަރުން މަސައްކަތް ކުރުން ހިމެނެ އެވެ.

ނަޝާތާއި އާސިފް އީސީގެ މެންބަރުކަމުން ވަކިކުރުމާ އެކު އީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވާނީ ހަސަން ޒަކަރިއްޔާ އާއި ޒާހިރެވެ.

އީސީގެ މެންބަރު ކަމަށް އައްޔަންކުރަން މަޖިލިހުން މިފަހުން ރުހުންދިން އަބްދުލް ހަސީބް އިސްމާއިލް މަގާމަށް އަދި އައްޔަންކުރައްވާފައެއް ނުވެ އެވެ.

Ads by HDC