ޚަބަރު

ހެލިކޮޕްޓަރުތައް ދުއްވަނީ އެމްއެންޑީއެފްގެ ކޮމާންޑްގެ ދަށުން: އިންޑިއަން ހައިކޮމިޝަން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ހެލިކަޕްޓަރު ދުއްވަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "ވޮއިސް" އަށް ދިން އިންޓަވިއުއެއްގައި އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓުކުރަމުން އަންނަ ހެލިކޮޕްޓަރތަކަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ފޯރުކޮށް ދެވިފައިވާ ތަކެތިކަމަށާއި މި ހެލިކޮޕްޓަރުތައް އުދުހެނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ.

އެގޮތުން މި ހެލިކޮޕްޓަރުތައް ސާޗް އެންޑް ރެސްކިޔު، މެޑިކަލް އިވޭކުއޭޝަން އަދި ކޯސްޓަލް ސާވެއިލެންސްގައި ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަ ކުރައްވައި އެ ކޮމިޝަނުން ވިދާޅުވީ ހެލިކޮޕްޓަރުތަކުގެ އެހީގައި ހިންގި އޮޕަރޭޝަންތަކުން މިހާތަނަށް 250 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން 1988ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާއަށް ފަހުގައި އިންޑިއާގެ އެކި އިންސްޓިޓިއުޓްތަކުގައި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ފަރާތްތަކަށް ތަމްރީން ހޯދަމުންދާ ކަން އެ ކޮމިޝަން އިން ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ އެދުމުގެ މަތިން މީގެ ކުރިން ވެސް އިންޑިއާގައި ގިނަ އަދަދެއްގެ ޕައިލެޓުންނާއި އިންޖީނިއަރުން ތަމްރީނު ކޮށްދީފައިވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ދެ ހެލިކޮޕްޓަރު ދުއްވުމުގެ ބޭނުމުގައި ރާއްޖޭގައި ސަތޭކައެއްހާ އިންޑިއާ ސިފައިން ތިބޭތީ ރާއްޖޭގައި މިލިޓަރީގެ ޕްރެޒެންސް އެބައޮތް ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކާއި ބައެއް އާއްމުން އަންނަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.

 

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!