މާލެއާއި އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާއިމްކުރަން ރައީސް ނިންމަވައިފި
ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިއްޔެގެ ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވަނީ ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއާ އަދި ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި، މިއަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރައްވަން ފެއްޓެވުމަށެވެ.
ފިނޭންސް މިނިސްޓްރީ އާއި، ހެލްތު އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކޮށްގެން ސިސްޓަމުގެ ތެރެއިން ސިއްހީ ހިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެންދާނެ ގޮތަކަށް އެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނިންމަވާފައިވެ އެވެ.
މާލެ ސަރަޙައްދާއި ރީޖަނަލް ސިޓީތަކުގައި ސެންޓަރުތައް ގާމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސަވައި، އެ ސެންޓަރުތައް ގާއިމުކުރުމުގައި، ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުން، ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ވިހާވެސް އަވަހަށް މާލެ ސަރަހައްދުގައި ގާއިމުކުރުމަށްޓަކައި، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބައްލަވައި އެ މަސައްކަތް އަވަސްކުރެއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ އަވަސް އަދި މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަދި މުޅި ސިއްހީ ދާއިރާ ޖުމްލަ ގޮތެއްގައި ތަރައްގީކުރުމަށް މީހާރުވެސް ވަރަށް ގިނަ ކަންކަން މި ސަރުކާރުން ކޮށްފައިވެ އެވެ.
ދާދި ފަހުން ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އަދި ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތައާރަފްކުރެވޭ ހިދުމަތްތަކާއެކު ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސް ވަނީ ހުޅުއްވައިދެއްވައިފަ އެވެ.