މާލެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މާލެ ސިޓީގެ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި ވަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހަބަރު ހުސްވެފައި އޮތް މީހާ ފެނުނީ ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރެއިން ކަމަށެވެ.
އެ ގޭގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓު ލިބުމާ އެކު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި އެވެ. އަދި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އުމުރުން 53 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައި އޮތްވާ ފެނުނީ މއ. ހުދު އަކިރި، އަބްދުﷲ ހަސަނެވެ.
"މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.