އިންޑިއާއިން 2027 ވަނަ އަހަރާ ހަމައަށް 12 މިލިއަން ވަޒީފާ އުފެދޭނެކަމަށް ލަފާކޮށްފި

އިންޑިއާގެ އިލެކްޓްރޯނިކްސް ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، 2027 ވަނަ އަހަރާ ހަމައަށް މި ދާއިރާއިން 12 މިލިއަން ވަޒީފާ އުފެދޭނެ ކަމަށް އިންޑިއާ ސެލުލާ އެންޑް އިލެކްޓްރޯނިކްސް އެސޯސިއޭޝަން (އައިސީއީއޭ) އިން ބުނެފި އެވެ.
އައިސީއީއޭގެ ޗެއާމަން ޕަންކަޖް މަހިންދްރާ ވިދާޅުވީ މިހާރު އިންޑިއާގެ އިލެކްޓްރޯނިކްސް ދާއިރާގައި ގާތްގަނޑަކަށް 5 މިލިއަން މީހުން މަސައްކަތްކުރާ ކަމަށެވެ. އަދި 2027 ވަނަ އަހަރާ ހަމައަށް މި އަދަދު ސީދާ އަދި ނުސީދަގޮތުން އުފެދޭ ވަޒީފާތަކާއެކު 12 މިލިއަނަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އައިސީއީގެ ޗެއާމަން ބުންޏެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް ދާއިރާގެ މި ކުރިއެރުމަށް މަގުފަހިވަނީ ސަރުކާރުގެ "މޭކް އިން އިންޑިއާ" އަދި "ޑިޖިޓަލް އިންޑިއާ" ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކަމަށް މަހިންދްރާ ވިދާޅުވި އެވެ.
މީގެ އިތުރުން ވިދާޅުވީ ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް (ޕީއެލްއައި) ސްކީމްގެ ދަށުން އިލެކްޓްރޯނިކްސް މެނުފެކްޗަރިންގް ދާއިރާއަށް ލިބޭ ހިތްވަރަކީވެސް މި ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް ދާއިރާގެ މި ކުރިއެރުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށްވެސް މަހިންދްރާ ފާހަގަކޮށްފައި ވެއެވެ.
މަހިންދްރާ ވިދާޅުވީ މި ދާއިރާއިން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދުމަކީ ޒުވާނުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށްވެސް ބެލެވޭ ކަމަށެވެ.
