ޗައިނާއިން ލަރަންގް ގާއަށް ސަތޭކަ އަސްކަރުން ފޮނުވައި އަނިޔާވެރިކަން އިތުރުކޮށްފި
ޗައިނާގެ ސަރުކާރުން ތިބެޓުގެ ސިޗުއާން ޕްރޮވިންސްގައި ހުންނަ ލަރަންގް ގާ ބުދިސްޓް އެކަޑަމީއަށް ސަތޭކަ އަސްކަރުން ފޮނުވައި، އެ ސަރަހައްދުގައި ދީނީ އަނިޔާވެރިކަން އިތުރުކޮށްފި އެވެ.
އޭޝިއަން ނިއުސް އިންޓަނޭޝަނަލް އިން ބުނީ ލަރަންގް ގާއަކީ ދުނިޔޭގެ އެންމެ ބޮޑު ބުދިސްޓް އިންސްޓިޓިއުޓެއް ކަމަށެވެ.
ނަމަވެސް ޗައިނާގެ ސަރުކާރުން އެތަނުގައި ތިބި މީހުންގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް އޭޝިއަން ނިއުސް އިން ބުންޏެވެ.
ޗައިނާގެ ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ތިބެޓުގެ ސަގާފަތާއި ދީނީ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބުނެ އެވެ. އަދި މިކަމާ ގުޅިގެން ގިނަ ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޗައިނާގެ ސަރުކާރުން ލަރަންގް ގާގައި މިހާރު ކުރަމުންދާ އަމަލުތަކަކީ އިންސާނީ ހައްގުތަކާ ހިލާފު ކަންތައްތަކެއް ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން ގޮވާލާފައިވެ އެވެ. އެހެންނަމަވެސް ޗައިނާގެ ސަރުކާރުން ބުނަނީ މިއީ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.