ދުންފަތް އޮޅާ ސާމާނު ނުގެނެވޭ ގޮތް ހަދައިފި
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ދުންފަތް އޮޅަން ބޭނުންވާ ސާމާނު ވަކިވަކިން ރާއްޖެ އެތެރެކުރުން މަނާކޮށްފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ދުންފަތާ ބެހޭ ގާނޫނުގެ 1 ވަނަ އިސްލާހުގައިވާ ގޮތުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމެކެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި ކަމާއި، އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަަރަކަށް ހިމެނޭ ހިފައިގެން ނުވަތަ ބޮއެެގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމުގަ އެވެ.
އެ މާއްދާގައި ދުންފަތް އޮޅަން ބޭނުންކުރާ ސާމާނަކީ މަނާ އެއްޗެއް ކަމުގައި ސީދާ ބުނެފައެެއް ނުވެ އެވެ. އެ ތަކެތި ރާއްޖެއަށް ވަކިވަކިން އެތެރެކުރާ މިންވަރު އިތުރުވުމާ ގުޅިގެން ކަސްޓަމްސްއިން ހެލްތު މިނިސްޓްރީގެ ލަފާއަކުން އެދުމުން ހެލްތު މިނިސްޓްރީން ބުނީ ދުންފަތް އޮޅަން ބޭނުންކުރާ ސާމާނުތައް ވެސް ބަލަނީ ރާއްޖޭގައި ސިނގިރޭޓް ތައްޔާރުކުރަން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ކަމަށެވެ.
އެ ސިޓީގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ދެން" އަށް ކަށަވަރުކޮށްދީފަ އެވެ.
މިނިސްޓްރީން އެގޮތަށް ގާނޫނު މާނަކުރާ ނަމަ އެ ތަކެތި ރާއްޖެއަށް އެތެރެކުރުން މިހާރު ވެސް މަނާވާނެ އެވެ.
އެހެންކަމަށްވާ ނަމަ ސިނގިރޭޓް އޮޅަން ބޭނުންކުރާ ތަކެތި (މެޝިން، ފިލްޓަރު، ކަރުދާސް) ވެސް އެތެރެކުރެވޭނީ ލައިސަންސެއް ނަގައިގެންނެވެ. އެހެންކަމުން ލައިސަންސް ދޫކުރާ އުސޫލު ހިމެނޭހެން ގަވާއިދެއް ހެލްތު މިނިސްޓްރީން އެކުލަވާލަން ޖެހޭނެ އެވެ. އެ ގަވާއިދު އެކުލަވާލަން ދިން 60 ދުވަހުގެ މުއްދަތު ހަމަވާނީ މި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހަށެވެ.
ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާ ކަމަކަށް ވާތީ، އެ މިނިސްޓްރީން ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ނުވަތަ އާލާތެއް އެތެރެކޮށްފި ނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށް އެދިފަ އެވެ.
ތިޔަ އެތެރެކުރުން މަނާ ކުރަންވީނު ރައްޔިތުންދެކެ ތިޔަހައި ލޯބިފުޅުވަނީނަމަ.
ހިޔާލެއް މީ..