މާލެ ސިޓީގެ ސްކޫލުތައް އިތުރު ދެހަފްތާއަށް ބަންދުކޮށްފި

ކޮވިޑް-19ގެ ނުރައްކާ މާލޭގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ މާލޭގެ ސްކޫލްތައް އަނެއްކާ ވެސް އިތުރު 2 ހަފްތާއަށް ބަންދުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ، ކޮވިޑް-19ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން ކަމަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ނިންމައި ފިލާވަޅުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އަދި އެ ނިންމެވުން ދެ ހަފްތާ ފަހުން މުރާޖަޢާ ކުރައްވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވާ އަލުން ކިޔަވައިދޭން ފަށާފައެވެ. އެހެންނަމަވެސް މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައި ދެމުންދިޔައީ ގްރޭޑް 1 ން 12 އަށެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ. އެހެން ނަމަވެސް މާލޭގައި ބަލިފެތުރެމުން އަންނާތީ ފިޠުރުޢީދު ބަންދަށްފަހު ސްކޫލްތައް ހުޅުވާފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގައި މީގެ ކުރިން ވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށާއި ޓެލިކިލާސް މެދުވެރިކޮށް ދިޔައީ ކިޔަވައި ދެމުންނެވެ. އަދި މިހާރުވެސް އަންނަނީ ޓީވީއާއި އޮންލައިންކޮށް ކިޔަވައި ދެމުންނެވެ.