ޗައިނާގެ ފޮރިން މިނިސްޓަރު ދެއްވީ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން
ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔެއީ ދެއްވައިފި އެވެ.
ވާންގް ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ރާއްޖޭން ފުރާވަޑައިގަތުމުގެ ކުރިން ވާންގް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުން އަންނަ އެހީތަކަށް ޝަކުރު އަދާކުރައްވާފަ އެވެ.
ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ގިނަ އެމްއޯޔޫތަކެއް ވަނީ ސޮއި ކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ އެ އެމްއޯޔޫތަކުގައި ހިމެނޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ރައީސް ވަނީ އެ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
ހާއްސަކޮށް ސޯޝަލް ހައުސިންގެ މަޝްރޫއުތަކާ އަދި މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ދިވެހި ރައްޔިތުންނަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވާ ކަންކަން ކަމުގައި ފާހަގަކުރައްވާ ޗައިނާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ރައީސް އެދިވަޑައިގަތުމާ ގުޅިގެން ވާންގް ވަނީ ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އެ އޮފީހުން ބުންޏެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި މާލޭގެ މަގުތައް އަލުން ހެދުން ހިމެނެ އެވެ.