ދަރިންނާއި ދިމާލަށް ބުނާ ބަސްތަކާއިމެދު ސަމާލުވޭ، ނޫންނަމަ ހިތާމަ ކުރަން ޖެހިދާނެ!
ދަރިން ބެލުމަކީ އެހާވެސް ފަސޭހަކަމެއް ނޫންކަން ގިނަ މީހުން ޤަބޫލު ކުރެއެވެ. ފިޠުރަތުގެ ސާފު ޠާހިރު ވަންތަ ކަމާއެކު އުފަންވާ އަޅުގަނޑުމެންގެ ދަރީންނަށް ފުރިހަމަ ރަނގަޅު ތަރުބިއްޔަތެއް ނުދެވިއްޖެނަމަ އޭގެ ނުބައި އަސަރު އެންމެ ބޮޑަށް ކުރަނީވެސް އެކުދިންނަށެވެ. ދަރީންގެ މުސްތަޤުބަލު އޮތީ މައިންބަފައިންގެ އަތްމަތީގައޭ ބުނަނީ އެހެން ވެގެންނެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި އެކުދީންނާއި މުޚާތަބު ކުރާ ގޮތްތަކާއިމެދު ވިސްނުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކަމާއިބެހޭ މާހިރުން ވެސް ބުނެފައިވަނީ ދަރިންނާއި ވާހަކަ ދައްކާއިރު، އެކުދިންނާއި ދިމާލަށް ބުނެގެން ނުވާނެ ބަސްތައް ވެސް ހުރެއެވެ.
އެގޮތުން ބައެއް ބަސްތަކަކީ:
▪︎ "ތިއެއް ނޫން ތިކަން ކުރަންވާނެ ގޮތަކީ، ދައްކަބަލަ ދައްކާނަން"
ދަރިންނަށް ކަންކަން ދަސްކޮށް ދިނުމަކީ އަޅުގަނޑުމެން އެންމެން ވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ނަމަވެސް އެކުދިންނަށް ބަހުން ބަހަށް ކަންކަން ކިޔައިދީ، އެކުދިންނަށް ކަންތައްތައް ކޮށްދީގެން ކަންތައް ދަސްކޮށް ދިނުމަށްވުރެ، އެކަމެއް އަމިއްލައަށް ކުރަން ހަވާލު ކުރުން ރަނގަޅު ކަމަށް ބަރނާޑް ސެންޓަރ ފޮ ޓޮޑްލަރ ޑެވެލޮޕްމެންޓްގެ ޑިރެކްޓަރ ޑރ. ޓޮވާ ކްލެއިން ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި ދަރިން ކަމެއް ކުރަން އުޅޭއިރު ތިކަމެއް ކުރާނީ ތިހެނެއް ނޫނޭ ބުނެ އަތުލުމުން، އިތުރަށް ދެން އެކަންކަން ކުރަން ކުދިން ފޫހިވާނެއެވެ.
▪︎ "ކީއްވެގެންތަ ތިއުޅެނީ"
މިބަސްތަކަކީ ރުޅި އައިސްގެން ނުވަތަ ހިތްހަމަ ނުޖެހިފައި ހުންނަ ގޮތަކަށް ދަރީންނާއި ދިމާލަށް ބުނުން އެއްގޮތަކަށް ވެސް ރަނގަޅު ބަސްތަކެއް ނޫނެވެ. މެރިޖް އެންޑް ފެމިލީ ތެރަޕިސްޓެއް ކަމަށްވާ ޑރ. ކެރީލް މެކްބްރައިޑް ބުނެފައިވާ ގޮތުގައި މިއީ ނަފްސާނީ ގޮތުން ވެސް ދަރީންނަށް ވަރަށް އަސަރު ކުރާނެ ބަސްތަކެކެވެ. ރުޅި އައިސްގެން ދަރިން ކައިރީގައި މިފަދައިން އަހައިފިނަމަ އެކުދިންގެ މައްސަލައެއް ހުރީތޯ އަމިއްލަ ނަފްސާއި ވެސް ސުވާލު ކުރަން ފަށާ ދަރިން މާޔޫސް ވާން ފަށާފާނެ ކަމަށް ޑރ. ކެރީލް ބުނެފައިވެއެވެ.
▪︎ "ތިއީ ދުވަހަކުވެސް ރަނގަޅުވާނެ ކުއްޖެއް ނޫން"
މިއީ މަޖަލަކަށް ވެސް އަދި ހަމަ އެއްގޮތަކަށް ވެސް، ބުނަން ވާނެ ބަސްތަކެއް ނޫނެވެ. މައިންބަފައިން ދަރިންނާއި ދިމާލަށް މިފަދައިން ބުނެފިނަމަ އެކުދިން ވަރަށް ބޮޑަށް މާޔޫސް ވާނެއެވެ. އަދި އެކުދިންނަކީ ރަނގަޅު ބައެއް ނޫންކަމަށް ޤަބޫލު ކުރެވި، ރަނގަޅު އާދަކާދަތައް ކުރުން ވެސް ދޫކޮށްލަފާނެ ކަމަށް "ޕެޓަރސަން" ގެ ފައުންޑަރ ޑރ. ޑެނިއެލް ޕެޓަރސަން ވަނީ ބުނެފައެވެ. ވީމާ ދަރިން ލައްވާ ކަމެއް ކުރުވަން ވެސް މިފަދައިން ބުނުމަކީ ކުރެވޭ ވަރަށް ބޮޑު ގޯހެކެވެ.
▪︎ "ދަރިފުޅު ކުރަން ބޭނުން ކޮންމެ ކަމެއް ވެސް ކުރެވިދާނެ"
ދިރިއުޅުމުގައި ދަރިންނަށް ވަކި އަމާޒެއް، ވަކި ލަނުދަނޑިތަކެއް ހާސިލު ކުރުމަށް ހިތްވަރު ދިނުމަކީ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް ކުރަން ބޭނުން ކޮންމެ ކަމެއް ކުރެވިދާނެކަން ވިސްނައި ދިނުމަކީ ގޯހެކެވެ. އެއިރުން އެކުދިންނަށް ކުރަން ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަމެއް ނޭނގޭނެކަން އެމެރިކާގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. އެރިކާ ރީޝަރ ބުނެފައިވެއެވެ.
މަސްދަރު: ރެޑްބުކްމެގް
ވަރަށް ރަނގަޅު ވާހަކަ ކޮޅެއް
ތިޔަ ބުނާ ޔަހޫދީ ނުވަތަ ނަސާރާއިން ނަށް އެނގޭނީ ކޮންޗެއް؟؟